އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ދެ ރައީސުން ކަމަށްވާ މުއައްވިޒް ރަޝީދާއި ހަސަން ލުތުފީ ވެސް އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި ހިމެނިއްޖެއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ބުނާ ލިސްޓުގެ ބައެއްގެ ކޮޕީއެއް "ވަން"އަށް ވެސް ވަނީ ލިބިފައެވެ. މި ލިސްޓުގެ ބައެއް ބައިތައް ރޭ ވަނީ ލީކު ވެފަ އެވެ.
އެ ލިސްޓްގައި ބުނެފައިވާ ގޮތުގައި އެކި ފަހަރުމަތިން ވަރަށް ގިނަ ފައިސާ ހަސަން ލުތުފީއަށް ދީފައި ހުންނާނެ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެފައިވާ ކަމަށް ވެއެވެ.
އޭގެ އިތުރުން 2014 ވަނަ އަހަރު 20،000 ޑޮލަރު (308،400ރ.) އަދި 2015 ވަނަ އަހަރު 20،000 ޑޮލަރު (308،400ރ.) ދިން ކަމަށް މުހައްމަދު ހުސެއިން (އޮއިއްޓޭ) ބުނެފައިވާ ކަމަށާއި އަދި އެ ފައިސާ ހަވާލުކޮށްފައިވާނީ ހިރިޔާ ސްކޫލް ކައިރީ ހުންނަ ހަސަން ލުތުފީގެ ގެއަށް ގޮސް ކަމަށްވެސް ލިސްޓުގައި ވެއެވެ.
ހަތަރު ލައްކަ ރުފިޔާ އަދީބު ބުނެގެން ލުތުފީއާ ހަވާލުކުރުމަށް މުއައްވިޒުއާ ހަވާލު ކުރި ކަމަށް އޮއިއްޓޭ ބުނެފައިވާ ކަމަށާއި އަދި އަދީބު އާއި އޮއިއްޓޭގެ ފޯނުގައި މިކަމާ ގުޅޭ މެސެޖްތައް ހުރިކަމަށް ވެސް ލިސްޓުގައި ބުނެފައި ވެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި މިދިޔަ ސަރުކާރުގެ އިސް ބޭފުޅުންނާއި މި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ހިމެނެއެވެ. އެ ލިސްޓުގައި މަޖިލިސް މެންބަރުންނާއި ވަޒީރުންނާއި ބައެއް ވިޔަފާރިވެރިން ވެސް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު