ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވަގުތީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)، އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި ހިމެނިއްޖެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ބުނާ ލިސްޓުގެ ބައެއްގެ ކޮޕީއެއް "ވަން"އަށް ވެސް ވަނީ ލިބިފައެވެ.

ލިސްޓުގައިވާ ގޮތުން އަދުރޭއަށް ޖުމުލަ 7.7 މިލިއަން ރުފިޔާ ވަނީ ލިބިވަޑައިގެންފައެވެ. އަދުރޭއަށް ބައި އިލެކްޝަނަކަށް ފަސް މިލިއަން ރުފިޔާ އަދި މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް އެއް މިލިއަން ރުފިޔާ ދެއްވާފައިވާ ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ވިދާޅުވެފައިވާ ކަމަށް ލިސްޓުގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން 2014ގެ ފެބްރުއަރީ މަހު 200،000 ރުފިޔާ އާއި އެ އަހަރުގެ ސެޕްޓެމްބަރުގައި 300،000 ރުފިޔާ އާއި 20،000 ޑޮލަރާއި އެ އަހަރުގެ ނޮވެމްބަރުގައި 200،000 ރުފިޔާ އާއި އެ އަހަރުގެ ޑިސެމްބަރުގައި 200،000 ރުފިޔާ އަދި 2015ގައި 500،000 ރުފިޔާ ދީފައިވާ ކަމަށް އެމްއެމްޕީއާރުސީ މައްސަލައިގައި ހިމެނޭ މުހައްމަދު ހުސައިން (އޮއިއްޓޭ) ބުނެފައިވާ ކަމަށް ވެސް ލިސްޓުގައި ފާހަގަކޮށްފައިވެއެވެ.

އަދުރޭގެ އިތުރުން ވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް ބޭފުޅުންތަކަކަށް ގިނަ އަދަދަކަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް އެ ލިސްޓުން ދައްކައެވެ. އޭގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް 700 މިލިއަން ރުފިޔާ ލިބިވަޑައިގެންފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ވެސް ލިސްޓުގައި ހިމެނެއެވެ.