ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު މައި ސިޔާސީ ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް ކަމުގެ މަގާމުގައި މިހާރު ހުންނެވި އަހުމަދު ޝިޔާމްގެ ކެމްޕޭނަށް އެއް މިލިއަން ރުފިޔާ ދީފައިވާ ކަމުގެ ތުހުމަތު، އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅޭ ގޮތުން، އެސެޓް ރިކަވަރީ ކޮމިޝަނުން ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހާ މިހާރު ހިއްސާ ކޮށްފައިވާ ލިސްޓުގައި ކޮށްފި އެވެ.

މި ރިޕޯޓުގައި ވަނީ ތުހުމަތު ކުރެވޭ ވަރަށް ގިނަ ފަރާތްތަކެއް ނަންތައް ހިމަނައިފަ އެވެ. އަދި އެ ތުހުމަތު އައިސްފައިވަނީ ކިހިނެއްކަން ވަކި ކޮލަމެއްގައި ހިމަނާފައި ވެއެވެ.

މި ލިސްޓުގައި ބުނެފައިވާ ގޮތުގައި، ޝިޔާމްގެ ކެމްޕޭނަށް އެމްއެމްޕީއާރްސީގެ ފައިސާއިން ހަރަދު ކޮށްފައިވާ ކަމަށް ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބު ރިޔާސީ ކޮމިޝަނަށް ދެއްވި ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ. އަދީބުގެ ބަޔާނުގައި ވިދާޅުވެފައިވާ ކަމަށް ކޮމިޝަނުގެ ލިސްޓުގައި ބުނެފައި ވަނީ އަހުމަދު ޝިޔާމްގެ "ކެމްޕެއިނަށް 1 މިލިއަން ޔާމިން ދިންކަމަށް އަދީބު ބުނެފައިވޭ" ކަމަށެވެ. މި ތަނުގައި ބަޔާންކޮށްފައި އެވަނީ ކޮން ޔާމީނެއްގެ ވާހަކަ ކަމެއް މި ލިސްޓުން ސާފެއް ނުވެ އެވެ.

މެންބަރު އަހުމަދު ޝިޔާމް އާ އެކު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 13 ބޭފުޅެއްގެ ނަން މި ލިސްޓުގައި އެބަ އޮތެވެ. މި ލިސްޓުގެ މައްސަލަ މި ވަގުތު މަޖިލިސް އިން ވެސް އަންނަނީ ބަލަމުންނެވެ. އަދި ލިސްޓުގައި ތުހުމަތު ކުރެވޭ ފަރާތަކުގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުން މަގާމުތަކުން ދުރުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް، އީވާ އަބްދުﷲ ވަނީ ކޮމެޓީ މަރުހަލާގައި ހުށަހަޅުއްވައިފަ އެވެ. އީވާގެ އެ ހުށަހެޅުއްވުމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވަނީ ތާއީދުވެސް ކުރައްވައިފަ އެވެ.