ވ. އާރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި، ޔާމީންގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިތަކާއި، ދައުލަތުން ހުށަހެޅި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ ކުރާ މި މައްސަލަައަކީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކުރާ ދައުވާއެކެވެ.

އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުވާކުރެއެވެ.

މި ދައުވާގައި ޔާމީނާއި ޔޫސުފް ނައީމް ވެސް ދިފާއެއްގެ ގޮތުގައި ނަގަނީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތަކުން ލިބުނު ފައިސާ ކަމަށާއި އެ ޑޮލަރަށްވާ ދިވެހި ފައިސާ ޔޫސުފް ނައީމްއާ ހަވާލުކުރީ ނަގުދު ފައިސާގެ ގޮތުގައި ކަމަށެވެ.

އެކަން ސާބިތުކުރަން ދިފާއީ ހެކީގެ ގޮތުގައި މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އާއި އަބްދުﷲ ރަޝީދު ކިޔާ މީހަކާއި ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއީލް އަދި ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު ހެކީގެ ގޮތުގައި ހުށަހަޅާފައިވެއެވެ. އަދި ޑޮލަރު މާރުކުރިކަން ބަޔާންކޮށްދޭ ލިޔުމެއް ވެސް ހެކީގެ ގޮތުގައި ހުށަހެޅިއެވެ. ނަމަވެސް، މައްސަލައިގެ ތަހުގީގުގައި އެ ހެކިތައް ހާމަނުކޮށް ރައީސް ޔާމީން ހަނު ހުރެފައިވާތީ، ދައުލަތުން ވަނީ ޝަރީއަތުގައި އެއަށް ފުރުސަތު ނުދޭން އެދިފައެވެ.

ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް މިއަދު ނިންމެވީ އެ ހެކިތަކަށް ފުރުސަތު ދިނުމަށެވެ. އެއީ ދައުލަތުން އެ ހެކިތައް ބަލައިނުގަތުމަށް އެދެނު ސަބަބަކީ ހެކިންގެ ހެކިބަހަށް ބުރަދަން ދިނުމާ ގުޅުން ހުރި ކަމަކަށް ވާއިރު، އެއީ ހެކިބަސް ނެގުމަށް ފަހު ޝަރީއަތުން ގޮތެއް ނިންމަންޖެހޭ ކަމަކަށް ވާތީ ކަމަށް ގާޒީ ވިދާޅުވިއެވެ.

ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުން ޔާމީންގެ ފަރާތުން އެެދިފައި އޮތީ ދައުލަތުގެ ހެކިންގެ ގޮތުގައި ތިބި އަދީބާއި ޒިޔަތު ހިމެނޭ ގޮތަށް ގިނަ ހެކިތަކެއް ބަލައިނުގަތުމަށެވެ. އެގޮތަށް އެދުނީ މިހާރު އަމަލު ކުރަމުންދާ ހެއްކާބެހޭ ގާނޫނު އޮތްގޮތުން އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް ގަބޫލު ކުރެވޭތީ ކަމަސް ބުނެފައިވެއެވެ.

އެކަމާގުޅިގެން ގާޒީ އަލީ ނަދީމް ވިދާޅުވީ އަދީބުގެ ހެކިބަހަކީ މި މައްސަލައިގައި ނަގަންޖެހޭ ހެކިބަހެއް ކަމަށާއި މައްސަލައިގެ ހިމެނޭ ވާގިއާތަކާ ގުޅޭ ގޮތުން ހެކިބަސް ދޭން ތިބީ އަދީބާއި ޒިޔަތު ކަމަށް ވާތީ ކަމަށެވެ. ޔާމީން އެދުނު ގޮތަށް ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ނާޒިމްގެ ހެކިބަސް ބަލައިނުގަތުމަށް ގާޒީ ނިންމެވި އިރު، ދައުލަތުގެ އެހެން ހުރިހާ ހެއްކަކަށް ފުރުސަތު ދެއްވިއެވެ.

ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތަކުން ލިބުނު ފައިސާ ކަމަށާއި އަދި އެ ޑޮލަރަށްވާ ދިވެހި ފައިސާ ނަގުދު ފައިސާގެ ގޮތުގައި ޔޫސުފަށް ހަވާލުކުރި ކަމަށް ބުނެ މީގެ ކުރިން ނަރީޝް ހެކިބަސް ދިނެވެ. ނަމަވެސް އޭނާގެ އެ ހެކިބަހާ މެދު ބޮޑެތި ސުވާލުތައް އުފެދިފައިވާއިރު، ޔާމީންގެ މައްޗަށް ދައުވާކުރާ ރ. ފުއްގިރި މައްސަލައިގައި ވެސް ދިފާއީ ހެއްކެއްގެ ގޮތުގައި ހެކިބަސް ދޭން ނަރީޝް ވަނީ ދެކޮޅު ހަދައިފައެވެ.