އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އޭނާއަށް ލިބިފައިވާ ކަމަށް ދެކެވޭ ވާހަކަތައް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) ހުސައިން ޝަމީމް ދޮގުކުރައްވައިފިއެވެ.
އޮންލައިން ނޫހެއްގައި ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހައްޔަރުކުރުމުން ވަކީލު ފީގެ ގޮތުގައި ޕީޖީ ޝަމީމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސައިދީފައިވާނެ ކަމަށް މުހައްމަދު އައްލާމް ލަތީފް ބުނެފައިވާ ކަމަށް އެސްޓް ރިކަވަރީ ކޮމިޝަނުން ހެދި ރިޕޯޓުގައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ޝަމީމް މިރޭ ކުރެއްވި ޓުވީޓެއްގައި ވަނީ އޭނާއަށް އެމްއެމްޕީއާރުސީން ވެސް އަދި އައްލާމްގެ ފަރާތުންވެސް އެއްވެސް ރުފިޔާއެއް ލިބިފައިނުވާ ކަމަށާއި އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
ޕީޖީ އޮފީހުންވެސް ވަނީ އެކަން ދޮގުކޮށްފައެވެ. އެގޮތުން ޕީޖީ އޮފީހުން ބުނީ އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅުންހުރި ފައިސާ ޕީޖީ ޝަމީމަށް ލިބިވަޑައިގެންނެވި ކަމަށް ބަޔާންކޮށް އޮންލައިން ނޫހެއްގައި ލިޔެފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު، ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުންހުރި އެއްވެސް ފައިސާއެއް އެއްވެސް އިރެއްގައި ޕީޖީ ޝަމީމަށް ލިބިވަޑައިގެންފައި ނުވާކަމުގެ ޔާގީންކަން އަރުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ހިޔާނާތުގެ ތުހުމަތުވާ 281 މީހެއްގެ ނަމާއެކު، އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއި ޖުޑީޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަނަށް ހިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުކުރެވޭ މީހުންގެ ލިސްޓު މިދިޔަ ބުރާސްފަތު ދުވަހު ހިއްސާކޮށްފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓު އާންމުކުރުމަށް އެމްޑީޕީގެ މަޖިލިސް ބައެއް މެންބަރުންނާއި އިދިކޮޅު ބައެއް މެންބަރުންގެ އިތުރުން އާންމު ފަރާތްތަކުންވެސް އަންނަނީ ގޮވާލަމުންނެވެ.