ބިހުރޯޒް މިސްކިތް ތެރޭގައި ގޮތް ނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެން އެތަން އެމްއެންޑީއެފުން ބަލައި ފާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ ބިހުރޯޒް މިސްކިތް ތެރޭގައި ގޮތް ނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެން ފުލުހުންނާ ގުޅިގެން އެތަން ބަލައި ފާސްކޮށް، ކްލިއާކޮށްފައިވާ ކަމަށެވެ. އަދި ބަލައި ފާސްކުރުމުގައި އެތަނުން ނުރައްކާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށްވެސް ބުންޏެވެ.

މަޖިލިސް ރައީސް، މުހައްމަދު ނަޝީދަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއަށްފަހު، އެމްއެންޑީއެފުން އަންނަނީ މާލެ ތެރޭގައި ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.

އެގޮތުން މިރޭވެސް މާލޭގެ އެކި ސަރަހައްދުތަކުގައި ހަތިޔާރާއެކު ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ރައީސް ނަޝީދަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހަމަލާދީފައިވަނީ ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެންނެވެ. އެ ބޮން ގޮއްވާލާފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، ގ. ކެނެރީގެއިން ނުކުމެވަޑައިގެން ކާރަށް އަރާވަޑައިގަންނަވަނިކޮށެވެ.

މި ހާދިސާގައި އެމަނިކުފާނަށް ސީރިއަސް އަނިޔާތަކެއް ލިބިގެން ހޮސްޕިޓަލުގައި ވަނީ އެޑްމިޓްކޮށް، އޮޕަރޭޝަންތަކެއް ކޮށްފައެވެ. އެގޮތުން އޮޕަރޭޝަންތަކަށް ފަހު އެމަނިކުފާނު މިހާރު އޮންނެވީ އައިސީޔޫގައެވެ. އާއިލާއިން ވަނީ އެމަނިކުފާނުގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް ބުނެފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ރިމޯޓަކުން އައިއީޑީ ގޮއްވާލި ކަމަށް ތުހުމަތުކުރެވޭ މީހާވެސް ހިމެނެއެވެ.