ކައުންސިލަރުން ހުވާ ކުރުމުގެ ކަންކަން ކުރިއަށްދާނީ އޮންލައިންކޮށް ކަމަށާއި ތާރީހަކަށް ބަދަލެއް ނާންނާނެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެލްޖީއޭގެ ޑިރެކްޓާ ޖެނެރަލް އާދަމް ޝަރީފް ވިދާޅުވީ، އެ އޮތޯރިޓީން ކުރިންވެސް ނިންމާފައިވާ ގޮތަށް މިމަހުގެ 17 ވަނަ ދުވަހު ކައުންސިލަރުން ހުވާކުރުން ކުރިއަށް ގެންދާނެ ކަމަށެވެ. ނަމަވެސް އެހެން އަހަރުތަކާ ހިލާފަށް މިފަހަރު ހުވާކުރުން ގެންދާނީ އޮންލައިންކޮށް ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަކަށް އަދި ނޭނގޭ ބުނާކަށް ކޮވިޑުގެ ހާލަތު ރަނގަޅުވާނީ ސީދާ ކޮން ދުވަހަކުން ކަމެއް. އެހެންވެ، ހުވާކުރުމުގެ ރަސްމިއްޔާތުގައި އާންމުންނަށް ބައިވެރިނުވެވޭނެ. ހުވާކުރުން ކުރިއަށްގެންދާނީ އޮންލައިންކޮށް،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ކައުންސިލަރުން ހުވާކުރުމުގެ ކަންކަން ކުރިއަށްގެންދާނީ އެރަށެއްގެ ކައުންސިލްގެ އިދާރާގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ.
ފަނޑިޔާރުން ނެތް ރަށްރަށުގައި ކައުންސިލަރުން ހުވާކުރާއިރު ހުވާލައިދޭ ފަނޑިޔާރު ރަސްމިއްޔާތުގައި ބައިވެރިވާނީވެސް އޮންލައިންކޮށް ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އިންތިހާބުވީ ރަށް ނުވަތަ ދާއިރާގައި ނެތް ކައުންސިލަރުންވެސް ހުވާކުރުމުގައި ބައިވެރިވާނީ އޮންލައިންކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު