Close
އެމްއެމްޕީއާރުސީގެ ޚިޔާނާތް

ބޮޑު ހިޔާނާތުގެ ލިސްޓުގައި ތުހުމަތު ކުރެވޭ އެންމެން ދައުލަތުގެ މަގާމުތަކުން ވަކިކުރަން ހުށަހަޅުއްވައިފި

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން، އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހާ ހިއްސާ ކޮށްފައިވާ ލިސްޓުގައި، ތުހުމަތު ކޮށްފައިވާ މީހުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި ތިބި އެންމެން އެ މަގާމުތަކުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުއްﷲ ހުށަހަޅުއްވައިފި އެވެ.

އިވާ އެގޮތަށް ހުށަހެޅުއްވީ، އެމްއެމްޕީއާރުސީގެ ހިޔާނާތް ބެލުމަށް މަޖިލީހުން އެކުލަވާލާފައިވާ ޖުޑިޝަރީ ކޮމެޓީ އާއި ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ އެއްކޮށްލައިގެން އުފައްދާފައިވާ ސަބް ކޮމެޓީއަށެވެ.

އެ ކޮމެޓީގައި އީވާ ހިމެނިވަޑައި ނުގަތް ނަމަވެސް މިރޭގެ ޖަލްސާގައި އީވާ ބައިވެރިވެވަޑައިގަތީ، މަޖިލީހުން ފަހުން ފާސްކޮށްފައިވާ ގޮތަށް ހުރިހާ ކޮމެޓީތަކެއްގައި ވެސް މެންބަރުންނަށް ބައިވެރިވެވަޑައިގެންނެވޭ ގޮތަށް ހަދާފައި އޮތުމުންނެވެ.

މިރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، އެފަދަ ބޮޑު މައްސަލައެއްގެ ތަހީގީގު ކުރިއަށްދާއިރު ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށާއި ސާބިތު ވެ ހުކުމަކާ ހަމައަށް އަންނަންދެން މަޑުކުރަން ނުޖެހޭނެ ކަމަށެވެ.

"މިސާލަކަށް ބޮޑު މަގާމެއްގައި ހުރި މީހަކު މަސައްކަތުން ދުރު ކުރެވޭ މަގާމެއްގައި ހުރި މީހަކު މިވަރުގެ ހިޔާނާތެއްގައި ބައިވެރިވެފައި އޮތިއްޔާ އަޅުގަނޑުމެން ޖެހޭނެއޭ ސަޖެސްޓް ކުރަން ރިޕޯޓުގެ ރިކޮމެންޑޭޝަނަކަށް ވާން ޖެހޭނެއޭ މިހާރުން މިހާރަށް ވެސް މަސައްކަތުން ދުރުކުރަން،" އީވާ ވިދާޅުވި އެވެ.

ކޮމެޓީގެ އެ ރިޕޯޓް ފާސްވެގެން ދާއިރު އިތުރު ރިކޮމެންޑޭޝަނެއްގެ ގޮތުގައި 'ފައިނޭންޝަލް ކްރައިމް' ގެ މައްސަލަތައް ތަހުގީގު ކުރުން ހަރުދަނާ ކުރަން ކުރެވިދާނެ ކަންތައްތަކެއް ހިމެނުމަށް ވެސް އީވާ އެދިވަޑައިގަތެވެ. އަދި އެ ކަންތައްތައް ވަނީ އެސެޓް ރިކަވަރީ ކޮމިޝަނުން ހުށަހެޅި ރިޕޯޓުގައި ހިމަނާފައި ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

މިރޭގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގު ލަސް ވެއްޖެ ކަން ގަބޫލު ކުރަން ޖެހޭ ކަމަށާއި އަދި އެ ހިޔާނާތުގައި ތުހުމަތު ކުރެވޭ މީހުން ދައުލަތުގެ އިސް މަގާމުތަކުގައި ތިބުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ. ސަބަބެއް ކަމަށް ހިސާން ވިދާޅުވީ، އެ ފަރާތްތަކުގެ މަގާމުގެ ގޮތުން އެ މީހުނަށް ގިނަ މައުލޫމާތު ލިބުމާއި ނުފޫޒު ފޯރުވުމުގެ ފުރުސަތު އިންތިހާއަށް އޮތުމުން ކަމަށެވެ. އެހެން ކަމުން އެ ފަރާތްތައް މަގާމުން އެއްފަރާތް ކުރުމަށް އީވާ ދެއްކެވި ވާހަކަތަކަށް ހިސާން ވަނީ ތާއިދު ކުރައްވާފަ އެވެ.

"ދެން މިތަނުގައި ބަހުސް ކުރެވުނު އަދި ސަޖެސްޓްކުރެވުނު ނުކުތާތަކުގެ އަލީގައި އަޅުގަނޑުމެންގެ ރިޕޯޓް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށް ދާނީ. އަދި އެ ރިކޮމެންޑޭޝަނަށް އެޑްރެސް ކުރެވޭ ގޮތަށް ރިޕޯޓް އެކުލަވައިލެވިގެން ދާނީ،" ކޮމެޓީގެ ރިޔާސަތު ބަލަހައްޓަވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ.

އެ މައްސަލާގައި ތުހުމަތު ކުރެވޭ 267 މީހެއްގެ ލިސްޓެއް އޮތް ކަމަށް މައްސަލަ ބަލަމުން އަންނަ އެސެޓް ރިކަވަރީ ކޮމިޝަނުން މީގެ ކުރީން ބުނި ނަމަވެސް ކޮމިޓީއަށް ފޮނުވާފައިވާ ލިސްޓުގައި މިހާރު 281 މީހުން ހިމެނޭ ކަމަށް ކޮމެޓީން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެހެން ކަމުން ފަހުން މިވަނީ އެ ލިސްޓަށް 14 ނަމެއް އިތުރުވެފަ އެވެ.