މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ހިޔާނަތާއި، ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލަ ތަހުގީގުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ޕީއެންސީން ރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ ގައުމުގެ އިސްލާހަށް ކަމަށް ބުނެ މިހާރު ނިކުމެވަޑައިގެން ތިއްބެވި ލީޑަރުންނަކީ ގައުމު ހިންގުމުގައި ފޭލިވެފައިވާ ބޭފުޅުން ކަމަށެވެ.
"އަޅުގަނޑުމެން ހަނދާނެއް ނުނެތޭ ކޮވިޑުގެ ވަބާގައި އަޅުގަނޑުމެންގެ ނޭވާ ހޮޅިއަށް ވެގެންދިޔަ ގޮތް. ވެންޓިލޭޓަރު ވައްކަން އެއީ ހަނދާން ނެތޭވަރުގެ ކަމެއް ނޫން،" ރައީސް ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގި ނަމަވެސް، އެ ދުވަސްވަރު ފެނިގެންދިޔައީ ކޮރަޕްޝަނާއި ސިޔާސީ މީހުންނަށް އަނިޔާވެރިވުންކަމަށް ރައީސް ވިދާޅުވިއެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތަކީ އޮޅުވާލެވެން ނެތް ސާފު ހަގީގަތެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެމްއެމްޕީއާރްސީ ފަދަ އޭރު ހިންގާފައިވާ ހުރިހާ ވައްކަމެއް ހިންގި ހުރިހާ ފަރާތްތަކަށް، މިނިވަން ހުރިހާ މުވައްސަސާތަކުން ވަރުގަދަ މަސައްކަތްތަކެއް ކޮށް، އަޅުގަނޑުމެން ހުރިހާ އެންމެންނަށް އޭގެ ހައްގު ހޯދައިދޭން އަޅުގަނޑު ހުރިހާ މުވައްސަސާތަކަށް ގޮވާލަން،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ފަރާތުން އެ ތަހުގީގުތަކަށް ފުރިހަމައަށް އެއްބާރުން ދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރަށް ގައުމަށްވުރެ މުހިންމު އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި، ބޮޑެތި ހިޔާނާތްތަކުގެ ހަގީގަތް ހޯދައި ރައްޔިތުންނަށް އޭގެ ހައްގު ހޯދައިދިނުމުގައި ސަރުކާރުން ފަސްނުޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު