ވ. ފުލިދޫން މީހަކު ޕޮޒިޓިވްވެ، އެރަށް މިނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އެރަށު ކައުންސިލް މެމްބަރު މޫސާ ފާއިޒް މިރޭ "ވަން" އަށް ވިދާޅުވީ އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ އެރަށު ގެސްޓް ހައުސެއްގައި ހުރި އިންޑިއާގެ ފަތުރުވެރިއެއް ކަމަށެވެ. އެމީހާގެ ކޮންޓެކްޓުންގެ ގޮތުގައި 33 މީހަކު ފާހަގަކުރެވުނު ކަމަށް ވިދާޅުވިއެވެ.
އެ އެންމެންގެ ސާމްޕަލް މީގެ ދެ ދުވަސް ކުރިން ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ސާމްޕަލެއް މިއަދު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދިވެސް ބައެއް ސާމްޕަލްތަކުގެ ނަތީޖާ ލިބިފައިނުވާ ކަމަށް ފާއިޒް ވިދާޅުވިއެވެ.
ފާއިޒް ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ ގެސްޓް ހައުސް ކުރިމަތީގައި ހުންނަ ގެއެއްގެ މީހެއް ކަމަށެވެ. އެމީހާ ޕޮޒިޓިވްވުމާ ގުޅިގެން މިރޭ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންޑިއާ މީހާ ޕޮޒިޓިވްވި ގެސްޓް ހައުސަށް ގިނަ އަދަދެއްގެ ސްކޫލު ކުދިންވެސް ގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން ގިނަ ކުދިން މިހާރުވެސް ތިބީ ކަރަންޓީނުގައި ކަމަށް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ޕޮޒިޓިވް ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ކުރެވެމުން އަންނަ ކަމަށެވެ. އަދި ރަށުގެ ފިޔަވަޅުތައްވެސް މިހާރު ހަރުކަށިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު