އިމްޕްރޮވައިސްޑް އެކްސްޕޮލޯސިވް ޑިވައިސް (އައިއީޑީ) އެއް ގޮއްވާލައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުންގެ ބަންދަށް 15 ދުވަސް އިތުރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންނަކީ މއ. ފޭރުގެ، މުޖާޒް އަހުމަދާއި (21އ) ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު (32) އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު (25) އެވެ.
އޭގެ ތެރެއިން އަދުހަމްއަށް ތުހުމަތު ކޮށްފައިވަނީ އައިއީޑީ ގޮއްވާލި ކަމުގެ ތުހުމަތެވެ. ތަހުމީން އަހުމަދަކީ އެރޭ ގޮއްވާލި އައިއީޑީ ހަރުކޮށްފައި ހުރި ސައުކަލުގެ ވެރި ފަރާތެވެ. ނަމަވެސް އެ ދެ މީހުން ވެސް ވަނީ ކުށަށް އިންކާރުކޮށްފައެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މުޖާޒް އަހްމަދާއި އެ ހާދިސާއާ އޮތީ ކޮން ގުޅުމެއް ކަން އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް އަނެއް ދެ ފަރާތެކޭ އެއްގޮތަށް މުޖާޒަށް ވެސް ކުރަނީ ޓެރިރިޒަމްގެ ތުހުމަތެވެ. އަދި ބަންދުން ދޫކޮށްލައިފި ނަމަ ހެކި ނައްތާލަފާނެ ކަމުގެ ބިރުއޮތް ކަމަށް ވެސް ފުލުހުން މިއަދު ވަނީ ކޯޓުގައި ބުނެފައެވެ.
އެ މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންގެ ވެސް ކުށުގެ ރެކޯޑް އޮތްކަން ފުލުހުން ފާހަގަކޮށްފައިވާ އިރު، އަދުހަމް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ހައްޔަރުކޮށްފައެވެ. އެގޮތުން 2013 ވަނަ އަހަރު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ އިރު، 2020 ވަނަ އަހަރު ވައްކަމުގެ މައްސަލައެއްގައި ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް އަނެއް ދެ މީހުންގެ ހުރީ ކޮން ބާވަތެއްގެ ކުށުގެ ރިކޯޑެއް ކަން އަދި ވަނީ އެނގޭ ގޮތް ނުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު