އެޑްމިޓްކޮށްގެން ކޮވިޑަށް ފަރުވާ ދޭން ޖެހޭ 40 އަހަރުން ދަށުގެ މީހުންގެ އަދަދު އާދަޔާ ހިލާފަށް މައްޗަށް ގޮސްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ހޮސްޕިޓަލުތަކުގައި އެނދުމަތިކޮށްގެން 250 މީހަކަށް ފަރުވާދެމުން އަންނަ ކަމަށާއި އޭގެ ތެރެއިން ފަސް މީހަކަށް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. އަދި ތިން މީހަކު ވެންޓިލޭޓަރަށް ލައިގެން ފަރުވާދެމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

"މިވަގުތު ހޮސްޕިޓަލުތަކުގައި ތިބި ޕޭޝަންޓުންގެ އަދަދަކީ 250. މީގެ ތެރެއިން އެކިއެކި ފެސިލިޓީތަކުގައި 240 މީހަކަށް ވޯޑުގައި ފަރުވާދެމުން އެބަދޭ. ފަސް ފަރާތެއް ތިބީ އައިސީޔޫގައި. އައިސީޔޫގައި ވެންޓިލޭޓަރުން ފަރުވާ ދެމުން އަންނަ ތިން ފަރާތެއްވެސް އެބަ ހިމެނޭ،" މަބްރޫކް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މުހައްމަދު އިސްލާއިލް ވިދާޅުވީ، މިއަދުގެ ހަވީރާ ހަމައަށް ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫ އޮތީ ފުރިފައި ކަމަށެވެ. އަދި އައިސީޔޫގައި ފަރުވާ ދެމުން އަންނަ ބަލި މީހުންގެ ތެރެއިން ގިނައީ 40 އަހަރުން ދަށުގެ މީހުން ކަމަށްވެސް ވިދާޅުވިއެވެ.

"މިވަގުތު އައިސީޔޫގައި ފަރުވާދެމުން އަންނަ މީހުންގެ ތެރެއިން 65 ޕަސަންޓް މީހުންނަކީ އުމުރުން 40 އަހަރުން ދަށުގެ މީހުން،" ޑރ. މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.

ޑރ. މުހައްމަދު އިތުރަށް ވިދާޅުވީ، ކޮވިޑް ޖެހިގެން ސީރިއަސް ހާލަތަށް ދާ ޒުވާން އުމުރުގެ މީހުންގެ އަދަދުވެސް އިތުރުވަމުން އަންނަ ކަމަށާއި އެހެންކަމުން ކޮވިޑް ކޮންޓްރޯލް ކުރުމަށް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

މި ފަހަކަށް އައިސް ކޮވިޑުގެ ނަންބަރުތައް އުޅެނީ 700 އިން މަތީގައެވެ. މިއަދު އެކަނިވެސް 1،000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވެއެވެ.