އައިއީޑީއެއް ގޮއްވާލައިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައި، އެތައް ބަޔަކު ހިމެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އެ ހަމަލާގައި ލިބިވަޑައިގެން ޒަހަމްތަަކަށް އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ރައީސް ނަޝީދުގެ ހާލުކޮޅު ބެއްލެވުމަށް މިއަދު އޭޑީކޭއަށް ވަޑައިގަތުމަށްފަހު މީޑިއާއާ ވާހަކަ ދައްކަަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ، ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު، ވަރަށް ބާރަށް އަދި ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން ހަމަލާދިނުމުގައި އިސްކޮށް ހުރި ކަމަށް ތުހުމަތު ކުރެވޭ މީހާއާއެކު ތިން މީހަކު ހައްޔަރުކޮށްފައިވާ އިރު، މި މައްސަލައިގެ ތަހުގީގު ވަރަށް އަވަހަށް ނިމި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑަށް ގަބޫލު ކުރެވެނީ ވަރަށް އަވަަހަށް ތަހުގީގު ނިމި ޕްރޮސިކިއުޓް ކުރުމަށްޓަކައި ޕީޖީ އޮފީހަށް މައްސަލަ ފޮނުވިގެންދާނެ ކަމަށް. މީގެ ފަހަތުގައި އެތައް ބަޔަކު ހިމެނުމަކީވެސް އެކަށީގެންވާ ކަމެއް. ތަހުގީގު ވަރަށް ފުޅާކޮށް ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ހާލުކޮޅާ ގުޅޭ ގޮތުން ރައީސް ސޯލިހު ވިދާޅުވީ، ރައީސް ނަޝީދުގެ ހާލުކޮޅު ވަރަށް ރަނގަޅަށް ރިކަވާ ވަމުން އަންނަ ކަމަށެވެ. އަދި އެމަނިކުފާނު ވަަރަށް ގިނަ ވާހަކަ ދެއްކެވި ކަމަށް ވިދާޅުވިއެވެ.
"ވަރަށް ގިނަ ވާހަކަ ދެއްކެވި އަޅުގަނޑާ، ދެއްކެވި ވާހަކަތަކުގެ ތެރޭގައި އަމިއްލަ ރައްޓިއްސެއްގެ ހައިސިއްޔަތުން ދެއްކެވި ވާހަކަތަކާއި އާއިލާ އާއި ސަރުކާރާއި އެހެންގޮސް ވަރަށް ގިނަ ވާހަކަަތައް ހިމެނޭ. އަޅުގަނޑަށް ފެނުނީ ވަރަށް ހިތްވަރުގަދަކޮށް އޮންނަވަނިކޮށް، ރިކަވަރީ ފެންނަނީ ވަރަށް ރަނގަޅަށް. އިރާދަކުރެއްްވިއްޔާ ޑޮކްޓަރުން އެ ކުރެއްވި މަސައްކަތުގެ ނަތީޖާގެ ގޮތުން ވަރަށް އަަވަސް ރިކަވަރީއެއް ލިބެމުން ދާކަން ފާހަގަކުރެވޭ،" ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު