ށ. ފުނަދޫގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާނުގެ ހާދިސާގައި އަށް މީހަކު ފިހުނެވެ. މި ހާދިސާގައި ޖުމްލަ 20 މީހަކަށް އެކި ވަރުގެ އަނިޔާތައް ވެފައިވާ އިރު، މިހާރު ފަރުވާދެމުން އަންނަނީ ދެ މީހަކަށް ކަމަށް ށ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
އެ ހާދިސާއާ ގުޅިގެން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އެ ހާދިސާގެ ހަބަރު އެއްސެވީ ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށެވެ. އަދި މިފަދަ ހާލަތްތަކުން ގައުމާއި ރައްޔިތުން ސަލާމަތްކޮށްދެއްވައި، އަބަދުމެ ރައްކާތެރިކަން މިންވަރުކޮށްދެއްވުން އެދި މާތްﷲގެ ހަޟްރަތުގައި ދުއާ ދަންނަވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރިމަތިވި މި ކުއްލި އަދި އުނދަގޫ ހާލަތުގައި ވަގުތުން އިޖާބަދީ، ރަށާއި ގެދޮރާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ފޯރުކޮށްދިން ބޮޑު އެހީތެރިކަމާއި އެއްބާރުލުމުގެ އަގު ވަޒަންކުރައްވައި، ކަމާބެހޭ ފަރާތްތަކަށް ރައީސް ވަނީ އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވައިފައެވެ. އެގޮތުން އެ މަނިކުފާނު ޝުކުރު އަދާކުރެއްވި ފަރާތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އާއި، ދިވެހި ފުލުހުންގެ ހިދުމަތާއި، ފުނަދޫ އެއާޕޯޓާއި، މާފަރު އެއާޕޯޓުގެ އިތުރުން ޖޭޑަބްލިޔު މެރިއޮޓްގެ ފަޔާ އެންޑް ރެސްކިޔު ޓީމުތައް ހިމެނެއެވެ.
ހަމައެއާއެކު، ށ. އަތޮޅު ހޮސްޕިޓަލާއި، ދިވެހިރާއްޖޭގެ ގައުމީ ކެޑޭޓްކޯއާއި، ފުނަދޫ ކައުންސިލާއި، ސަރުކާރުގެ އިދާރާތަކުގެ އިތުރުން ފުނަދޫގެ ރައްޔިތުން ދިން އެއްބާރުލުމަށްވެސް ރައީސް ޝުކުރު ދެންނެވިއެވެ.
މި ހާދިސާގައި އެކިވަރުގެ އަނިޔާ ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް އެ ޕޯސްޓުގައި ވިދާޅުވިއެވެ. އަދި މުދަލަށް ގެއްލުން ލިބުނު ފަރާތްތައް މާތްﷲގެ ހެޔޮ ރަހުމަތްފުޅާއެކު އާންމު ހާލަތަކަށް އަވަހަށް ރުޖޫއަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، އެ ހުރިހާ ފަރާތްތަކެއްގެ އާއިލާތަކަށްވެސް ކެތްތެރިކަމާއި ހަމަޖެހުން މިންވަރުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަމިއްލަ ފަރާތަކުން ފުނަދޫގައި ހިންގާ "ފަތްމިނި" ޕެޓްރޯލް ޝެޑްގައި، ކޮންޓްރޯލް ނުކުރެވޭ ވަރަށް އަލިފާން ރޯވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ޕެޓްރޯލް ޝެޑްގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކުރެވިފައިވަނީ 11:00 ހާއިރެވެ.
މި ހާދިސާގައި އެއް ގެއެއް އަނދައި ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ އިރު، އެ ސަރަހައްދާ ކައިރީގައި ހުރި އިތުރު ތިން ގެއަކަށް ވެސް އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ދަނީ މި ހާދިސާގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދެންޖެހޭ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
ކުށް
ބޭރު ކުޅިވަރު
ނަސްރުގެ ދުވަސް
ކޮމެންޓް