މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ މައުލޫމާތު ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސާ ހަމައަށް ތިލަ ނުވި ސަބަބު ހޯއްދެވުމަށް އަންގަވާފައިވާ ކަަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، ހަމަލާގައި ޒަހަމްވެވަޑައިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ރައީސް ނަޝީދުގެ ހާލުކޮޅު ބައްލަވައިލެއްވުމަށް މީގެ އިރުކޮޅެއް ކުރިން އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންނެވުމަށްފަހު، އެ ސަރަހައްދުގައި ހުންނަވައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ، ރޭގެ ވަގުތެއްގައި ނެޝަނަލް ސެކިއުރިޓީ ކައުންސިލާ އެމަނިކުފާނު ބައްލުކުރެއްވި ކަމަށެވެ. އެ ބައްދަލުވުމުގައި އެމްއެންޑީއެފާއި ޕޮލިސްގެ އިންޓެލިޖެންސް އޮޑިޓެއް ހެދުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.

"ރޭ ނެޝަނަލް ސެކިއުރިޓީ ކައުންސިލާ ބައްދަލުކޮށް ނިންމައިފިން އެމްއެންޑީއެފާއި ޕޮލިސްގެ އިންޓެލިޖެންސް އޮޑިޓެއް ހެދުމަށް. އޭގައި ހުރީ ކޮން ކަންތައްތަކެއްތޯ، ރަނގަޅު ކުރަން ހުރީ ކޮން ކަންތައްތަކެއްތޯ، އަދި މިވަރު ކަމެއް ވެެގެންދިޔަ އިރު، އިންޓެލިޖެންސާ ހިސާބަށް މިކަން ތިލަވަގެން ނައި ސަބަބާއި ނޭނގުނީ ކީއްވެތޯ ބަލަން،" ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ދިރާސާއެއް ހެދުމަށް މިހާރުވެސް ހަވާލު ކޮށްފައިވާ ކަަމަށް ވިދާޅުވިއެވެ. އެ ދިރާސާއަށްފަހު، އެމްއެންޑީއެފުން ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ގޮތުގެ ތަފުސީލީ ރިޕޯޓެއް މިއަދު އެމަނިކުފާނަށް އަރުވާނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ހިނގައިދިޔަ ކަންތައްތަކަށް ބަލާ އިރު، އިންޓެލިޖެންސް މިހާރަށްވުރެ ވަރުގަދަ ކުރަންޖެހޭ ކަމަށެވެ. އަދި ސެކިއުރިޓީވެސް މިއަށްވުރެން ރަނގަޅަށް އޮންނަންޖެހޭ ކަމަށާއި ދެ ތަހުގީގަށްފަހު ލިބޭ ރިޕޯޓުގެ އަލީގައި ވަަރަށް ގިނަ ކަންތައްތައް ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.