ކްލަބު އީގަލްސްއާއި ބެންގަލޫރު އެފްސީ ބައްދަލުކުރަން އޮތް އޭއެފްސީ ކަޕް ކޮލިފިކޭޝަން މެޗު ނުކުޅެވޭނެކަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް އަންގާފައިވާ ކަމަށާއި އެފްއޭއެމް މެދުވެރިކޮށް، ރާއްޖޭގައި ހޯސްޓް ކުރަން އޮތް މި ޒޯންގެ ގްރޫޕް ސްޓޭޖު މެޗުތައްވެސް ފަސްކުރަން އަންގަވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

އަންނަ އަންގާރަ ދުވަހު އޮންނަ ކޮލިފިކޭޝަން މެޗަށް ބެންގަލޫރު އެފްސީ އިއްޔެ ރާއްޖެ އައިސްފައިވަނީ މެޗުތަކަށް އެޗްޕީއޭގެ އިތުރުން އޭއެފްސީގެ ހާއްސަ ގައިޑްލައިނަށް ފޮލޯކޮށް، ޕްރޮޓޮކޯލްއެއްގެ ދަށުންނެވެ. މާލެ އައިސް ޕީސީއާރު ޓެސްޓު ހަދައި އެޓީމަށް އެކަހެރިކޮށް ހޮޓެލް ކޭމްޕްގައި ތިބެން އުސޫލު އެކުލަވާލާފައި އޮތް ނަމަވެސް އެޓީމުގެ ކުޅުންތެެރިން މިއަދު މަގުމައްޗަށް ނުކުމެ، ކޮވިޑް އުސޫލު މުގުރާލި ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ.

އެކަމަށް އިޝާރާތްކުރައްވައި މިނިސްޓަރު ރުޅިގަދަވެ ކުރެއްވި ޓުވީޓުގައި ވިދާޅުވީ އިންޑިއާގެ ބެންގަލޫރު އެފްސީ، އޭއެފްސީ ކަޕް މެޗު ކުޅުމަށް އައިސް ކޮވިޑް 19 އާ ގުޅިގެން ހަދާފައިވާ ހަރުކަށި އުސޫލުތައް މުގުރާލައި މަގުމައްޗަށް ނުކުތުމުން، އެ ކްލަބު ވީ އެންމެ އަވަހަކަށް ރާއްޖެއިން ފުރައިގެން ދާން ޖެހޭނެ ކަމަށެވެ.

އެއާ ވިދިގެން ކުރެއްވި ޓުވީޓުގައި މިނިސްޓަރު ފާހަގަކުރައްވާފައިވަނީ މެޗު ނުކުޅެވޭނެ ކަމަށް އެފްއޭއެމްއަށް އަންގަވާފައިވާނެ ކަމަށާއި އަދި ބެންގަލޫރު ޓީމުގެ ފުރުން ހަމަޖައްސަންވެސް އެދިފައިވާ ކަމަށެވެ. އަދި ހަމައެއާއެކު އެފްއޭއެމް މެދުވެރިކޮށް ރާއްޖޭގައި މިމަހު 14 އިން 21 އަށް ބާއްވަން އޮތް ގްރޫޕް ސްޓޭޖު މެޗުތައް ފަސްކޮށްދޭން އެދޭނެ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

ބެންގަލޫރު އެފްސީން ކްލަބު އީގަލްސްއާ ދެކޮޅަށް އޭއެފްސީ ކަޕް ކޮލިފިކޭޝަން ފަހު ބުރުގައި އަންނަ އަންގާރަ ދުވަހު ނުކުންނަން ހަމަޖެހިފައި އޮތް އިރު، ރާއްޖޭގެ އިތުރުން އިންޑިއާގައިވެސް މިވަގުތު ކޮވިޑް ހާލަތު އޮތީ ވަރަށް ގޯސްކޮށެވެ. އެ ހާލަތު ދެ ގައުމުގައި އޮތް ނަމަވެސް މެޗު ކުޅެން އޭއެފްސީން ލަފާ ދިނީ ގިނަ އުސޫލުތަކެއް އެކުލަވާލައިގެންނެވެ.

ބެންގަލޫރު އެފްސީން އެގައުމުގެ ލީގަށްފަހު ހޮޓެލް ކަރަންޓީނުގައި އަށް މަސް ހޭދަކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފައިވާ އިރު، އޭއެފްސީގެ ޕްރޮޓޮކޯލްއިން ޕީސީއާރުވެސް ޓެސްޓުކުރުމަށް އޭއެފްސީން ވަނީ ދެ ޓީމަށް މަޖުބޫރުކޮށްފައެވެ. ހަމައެއާއެކު މެޗުތައް ކުޅެން ރާއްޖެއިން ހުއްދަ ދީފައިވަނީ ވެސް "ބަޔޯ ސެކުއާ ބަބުލް"އެއްގެ ތެރޭގައި ޓީމުތައް އެކަހެރި ވެގެން ތިބެގެންނެވެ.

ގްރޫޕް ޑީގެ މެޗުތަކަށް ރާއްޖޭގެ މާޒިޔާވެސް މިހާރު ކޭމްޕް ކޮށްފައިވާ އިރު، އެ މެޗުތަކަށް ދެން އަންނަން ޖެހޭނީ އިންޑިއާގެ މޯހަން ބަގާންއާއި ބަންގްލަދޭޝްގެ ބަސުންދުރަ ކިންގްސްއެވެ. އަދި ގްރޫޕްގެ ފަހު ޖާގަ ޔަގީންވާން އޮތީ އީގަލްސްއާއި ބެންގަލޫރު ކުޅެން އޮތް މެޗުންނެވެ. ބެންގަލޫރު އެފްސީން ޕްރޮޓޮކޯލްއާ ހިލާފުވުމުން އެމެޗަށް ވާނެ ގޮތަކާ މެދު ދެން ގޮތް ނިންމާނީ އޭއެފްސީންނެވެ.