ރައީސް ނަޝީދު ދިރިއުޅުއްވަމުން ގެންދަވާ ގ. ކެނެރީގެ އިން ކުރުނބާ މޯލްޑިވަސް ރިސޯޓުގައި އޮތް ހަފުލާއަކަށް ވަޑައިގަތުމަށް ނިކުމެވަޑައިގަތީ ބުރާސްފަތި ދުވަހުގެ ރޭ 8:26 ހާއިރު އެވެ. ދެ ބޮޑީގާޑުންނާ އެކު ހިންގަވާފައި ނީލޯފަރު މަގުކޮޅުން މަޖީދީ މަގުގައި އޮތް ކާރުކޮޅާ ހަމައަށް ވަޑައިގަތުމާ އެކު ބާރުގަދަ އެއްޗެއް (އިމްޕްރޮވައިޒްޑް އެކްސްޕްލޯޝިވް ޑިވައިސް) އެއް ގޮއްވާލި އެވެ. އެ ހަމަލާގައި އެންމެ ބޮޑެތި ޒަހަމްތަކެއް ވެސް ލިބިވަޑައިގަތީ ހަމަލާ އަމާޒުވި ރައީސް ނަޝީދަށެވެ. ރައީސް ނަޝީދުގެ ތިން ބޮޑީގާޑުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބުނުއިރު އިތުރު ދެ މީހަކަށް ވެސް އަނިޔާވި އެވެ.

ފުލުހުން އިއްޔެ އާންމު ކުރި ސީސީޓީވީ ފްޓޭޖުން ފެންނަ ގޮތުގައި ރައީސް ނަޝީދު، ކެނެރީގެ އިން ނިކުމެވަޑައިގަތް ހިންގަވާފައި ވަޑައިގަތްއިރު ކުރިފުޅުމަތީގައި އަދި ފަހަތުގައި ބޮޑީގާޑެއް ހުރެ އެވެ. ކާރާއި ހަމަޔަށް އަރައިއިވަޑައިގަތުމުން އައިއީޑީ ގޮއްވާލުމާ އެކު އެމަނިކުފާނު ބިންމައްޗަށް ވެއްޓި ވަޑައިގަތެވެ. ފަހަތުން ދިޔަ މީހުނަށް ވެސް ލިބުނީ ކުއްލި ޝޮކެކެވެ. ހިނގާފައި ދިޔަ އެކަކު ދެ ކަންފަތް މަތީގައި އަތް އަޅައިގެން އައި ކޮޅަށް ދުއްވައި ގަތެވެ. ދަބަހެއް އަޅައިގެން ސައިކަލުގައި ދުއްވާފައި ދިޔަ މީހަކު ސައިކަލުން ފައިބައި ދަބަސް އެއްލާލައި ލައިގެން ހުރި ޓީޝާޓް ބާލައި ދެ ކަންފަތް މަތީގައި އަތްއެޅި އެވެ. ބެލެވޭ ގޮތުން އޭނާއަށް ވެސް ލިބުނީ ޝޮކެކެވެ. ކައިރީގައި ހުރި އިތުރު މީހަކު އޭނާއަށް އެހީވި އެވެ. ޕޭމަންޓް މަތީގައި ބޭންދި އެވެ.

"އަހަރެން ހުރީ އެތާ ކުރިމަތީގައި ކަހަލަ ގޮތަކަށް ހުރި ހާޑްވެއާ ފިހާރައެއްގައި. ވަރަށް ވަރަށް ބާރު އަޑެއް އިވުނީ ހަމަ ސިއްސައިގެން ދިޔައީ. ފުރަތަމަ ހީކުރީ ޕިކަޕެއް ކަހަލަ އެއްޗެއްގެ ފުރޮޅު ފަޅައިގެން ދިޔައީ ކަމަށް. އެކަމަކު ބޭރު ބަލައިލުމުން މީހުންގަނޑު ދުވަން ފެށުމުން ކަމެއް ގޯސްވެގެން އުޅޭކަން އެނގުނު،" މަޖީދީ މަގުގެ އަނެއް ފަރާތުގައި ހުރި ހާޑްވެއާ ފިހާރައިގައި މަސައްކަތް ކުރާ މީހަކު ކިޔައިދިނެވެ.

ގޮއްވާލި އައިއީޑީ ހަރުކޮށްފައި ހުރީ ރައީސް ނަޝީދުގެ ކާރުކޮޅު ކައިރީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގަ އެވެ. އައިއީޑީ ގޮއްވާލުމާ އެކު ކައިރީގައި ތިބި އެހެން ހުރިހާ އެންމެން ކަހަލަ ގޮތަކަށް ފަހަތަށް ޖެހި ދުއްވައިގަތް ނަމަވެސް އެމަނިކުފާނުގެ އަރިހުގައި ހުރި ދެ ބޮޑީ ގާޑުންކުރެ އެކަކުވެސް ފަހަތަށް ޖެހުނު މަންޒަރެއް ނުފެނެ އެވެ. އައިއީޑީ ގޮއްވާލައި އެރި ދުންގަނޑުގެ ތެރެއިން ފަހަތުގައި ހުރި ބޮޑީގާޑު ރައީސް ނަޝީދު ނެގުމަށް ތިރިވި މަންޒަރު ފެނެއެވެ.

"އެހަމަލާ ދިނުމާ އެކު އެމަނިކުފާނު ބިންމައްޗަށް ވެއްޓިވަޑައިގަތް އަދި ވަރަށް ބޮޑަށް ޒަހަމްވެވަޑައިގެންނެވި. އެހިސާބުން ހަމައެއާ އެކީ ފަހަތުގައި ހުރި ޕީއެސްއޯ ނުވަތަ ބޮޑީގާޑަށް ޒަހަމްތަކެއް ލިބި އަނިޔާވި އަދި ކާރުކޮޅުގެ ދޮރުކޮޅު ހުޅުވާލުމަށް ހަރަކާތްތެރިވި ކުރީގައި ހުރި އެޖެންޓް ނުވަތަ ސެކިއުރިޓީ އޮފިސަރަށް ވެސް ބުރަކައްޓާ ދިމާލަށް އަދި އަރިއަރިމައްޗާ ދިމާލަށް ވާއަތްފަރާތު ކޮނޑުމައްޗާ ދިމާލަށް ޒަހަމްތަކެއް ވެގެން ދިޔައީ،" ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވި އެވެ.

"އައިއީޑި އޮތީ އެމަނިކުފާނުގެ ވާއަތްފަރާތަށް ވާގޮތަށް ޕާކްކޮށްފަ ހުރި ސައިކަލާ ދިމާލުން. އެހެންވެ އެމަނިކުފާނުގެ ވެސް ގިނަ ޒަހަމްތަކެއް އައިސްފައިވަނީ ވާއަތްފަރާތާ ދިމާލަށް ހަމައެއާ އެކީގައި ޕީއެސްއޯގެ ވެސް ހުރީ ވާއަތްފަރާތާ ދިމާލަށް ހަމަލަތައް އައިސްފަ، ދެން ހުރި އެޖެންޓުގެ ހުރީ ކަނާއަތް ފަރާތަށް އެ އެޖެންޓު ހުރީ ދެކުނަށް ވާގޮތަށް ކުރިމަތިލައިގެން. ކޮންމެއަކަސް ވެއްޓިވަޑައިގަތް ހިސާބުން ޕީއެސްއޯ، އޭނަ ވެސް ހުރީ ވަރަށް ބޮޑަށް އަނިޔާވެފަ އޭނަވެސް ހުރީ އޭގެ ޝޮކްތެރޭގައި އެހެން ނަމަވެސް ޕީއެސްއޯ ނަގައިގަތީ އެމަނިކުފާނު ނަގައިގަނެގެން އެމަނިކުފާނުގެ ކާރުކޮޅަށް ލާން މަސައްކަތްކޮށް ކާރުކޮޅަށްލި، އެހިސާބުން ތިން ވަނަ މީހަކަށް ހުރި ޑްރައިވަރު ދުއްވާލަން މަސައްކަތްކޮށް އޭނަ ވެސް ހުރީ ފުދޭވަރަކަށް ޝޮކެއްގަ."

ރައީސް ނަޝީދު އަރިހުގައި ތިބި ދެ ބޮޑީގާޑުންނަށް ވެސް އެކިވަރުގެ ޒަހަމްތައް ލިބިފައިވާއިރު ކާރުކޮޅުގައި އިން ޑްރައިވަރަށް ލިބުނު ޝޮކާ އެކު އޭނާއަށް ކާރު ދުއްވޭ ގޮތެއް ނުވި އެވެ. އެހެން ކަމުން އަނެއް ދެ ބޮޑީގާޑުން ވެގެން ރައީސް ނަޝީދު އުފުލާލައިގެން ފަހަތުގައި އޮތް ބެކަޕް ސެކިއުރިޓީ ކާރަށް އެރުވި އެވެ. އަދި ވަގުތުން، އެންމެ ކައިރީ ހުރި ހޮސްޕިޓަލަކަށް ގެންދިއުމަށް އޭޑީކޭއާ ދިމާލަށް މިސްރާބު ޖެހި އެވެ.

"އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނީ 8:35 ހާއިރު. އެހެންވީމަ ގޮއްވާލި ކަމަށް މި ލަފާކުރެވެނީ 8:27ގައި،" ޝަމާލް ވިދާޅުވި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ގޮއްވާލާފައި ވަނީ ނޮން މިލިޓްރީ ގޮވާތަކެތި ބޭނުންކޮށްގެން ހަދާފައިވާ އައިއީޑީ އެކެވެ. ނަމަވެސް އެއީ މީގެ އަހަރުތަކެއް ކުރިން ސަލްޓަން ޕާކްގައި ގޮއްވާލި އައިއީޑީއަށް ވުރެން އެތައް ގުނައެއް ބާރުގަދަ އައިއީޑީ އެކެވެ.

"މީގެ ތެރޭގައި މި ހުރި ޝްރެގް ނެއިލްސް ނުވަތަ ބޯލް ބެއަރިން ދިވެހި ބަހުން ދަންނަވާ ނަމަ ރޭޒަރު ފުއް މީގެތެރެއަށް ލާފަ ހުރީ. އެހެންވީމަ ގިނަ އަދަދަކަށް ރޭޒާ ފުއްލާފަ މީގެ ހަމަލަ ވަރުގަދަ ކުރުމަށްޓަކައި އޭގެ އެތެރެއަށް ލާފައި ހުރީ. އެގޮތުން ސަލްޓަން ޕާކްގައި ބޭނުންކުރި އައިއީޑީއާ މި އައިއީޑީއާ އަޅައި ކިޔާއިރު މިއައިއީޑީއަކީ އެތައް ގުނައެއް ނުވަތަ އެތައް ދަރަޖައެއް ބާރުގަދަ ނުރައްކާތެރި އައިއީޑީއެއްކަން އަޅުގަނޑު ފާހަގަކުރަން،" ޝަމާލް ވިދާޅުވި އެވެ.

އެމްއެންޑީއެފްގައި މަސައްކަތް ކުރާ އެކްސްޕްލޯސިވް އެކްސްޕާޓަކު ބުނީ، އައިއީޑީ ސީދާ ރައީސް ނަޝީދަށް އަމާޒުވި ނަމަ އެމަނިކުފާނުގެ ހަށިކޮޅު 'ފުނޑުފުނޑު' ވާނެ ކަމަށެވެ. ގޮއްވާލާފައިވަނީ އެހާވެސް ބާރުގަދަ އެއްޗެއް ކަން އޭނާ ފާހަގަކުރި އެވެ.

"ދެން މި ގޮވުމުގެ ޑިޓޮނޭޝަން އޭންގަލް ނުވަތަ ފަނަލް އަޅުގަނޑުމެން އަސްކަރީ ޓާމިނަލްޖީން ބޭނުންކުރާ ކަމުގައިވަނީ ނަމަ ހުރީ ހުރި ދިމާލުން މައްޗާ ދިމާލަށް. އެހެންވީމަ ތިބޭފުޅުންނަށް ބައެއް ފޯޓޯތަކުން ވެސް ފެނިވަޑައިގަންނަވާނެ އެތާ ކައިރީގައި ހުރި ފިހާރައެއްގެ ސީލިންގަށް ވެސް ވަރަށް ބޮޑު ޑެމޭޖްތަކެއް ވެފަ ހުރި. އެހެންވީމަ އޭގެ މައިގަނޑު ގްލާސް އިފެކްޓް މިހާރު އަދި އަޅުގަނޑުމެނަށް ހޯދި ހޯދުންތަކުން ލަފާކުރެވޭ ގޮތުގަ ސީދާ މައްޗާ ދިމާލަށް،" ޝަމާލް ވިދާޅުވި އެވެ.

"ޓީމުން ރިއެކްޓް ކޮށްފައިވާ ގޮތާއި ދޭތެރޭ އަޅުގަނޑުމެން ހިތްހަމަ ޖެހޭ. އެއީ ވަރަށް އަވަހަށް ވަރަށް ހަލުވިކޮށް އަދި އެ މީހުން އެ ޝޮކުގައި ތިބެގެން އެންޖަރީގައި ވެސް ތިބެގެން އެމަނިކުފާނަށް އިސްކަންދީ އެމަނިކުފާނާ ވާހަކަ ދައްކަމުން ގެންދިޔައީ. އެމަނިކުފާނުގެ ހާލުކޮޅު އަހައި އެމަނިކުފާނަށް ކޮމްފޮޓް ދެމުން އަދި އެމަނިކުފާނު ވެސް ވިދާޅުވި ތިމަންނަގެ ހާލުކޮޅު ރަނގަޅޭ،" ޝަމާލް ވިދާޅުވި އެވެ.

ހާލު ރަނގަޅު ކަމަށް ރައީސް ނަޝީދު އޭރު ވިދާޅުވި ނަމަވެސް ވަރަށް ބޮޑެތި ޒަހަމްތައް ލިބިވަޑައިގެންފައި ހުއްޓެވެ. އަދި މޭފުޅަށް ކޮންމެވެސް ވަރަކަށް ތަދުވާކަމަށް އޭރު ވިދާޅުވި ކަން ޝަމާލް ފާހަގަކުރެއްވި އެވެ.

"ދެން ގޮސް ފުރަތަމަ އީއާރަށް ލެވި އަދި އޮޕަރޭޝަން ތިއޭޓަރާ ހަމައަށް ލެވެންދެން ކައިރީގައި ސީޕީ ޓީމު މަސައްކަތް ކުރަމުން ދިޔަ. އެއަށްފަހު ދެން ސީޕީ ޓީމަށް ފަރުވާ ފެއްޓުނީ،" ޝަމާލް ވިދާޅުވި އެވެ.

ހަމަލާއަށް ފަހު ރައީސް ނަޝީދު އަރިހުގައި ތިބި އޮފިސަރުން ކަން ކުރި ގޮތް އެމްއެންޑީއެފުން ވަރަށް ގާތުން ބެލިއެވެ. އަދި އޮފިސަރުން ރިއެކްޓްކުރި ގޮތާއި އެކަމުގެ ހަލުވި މިން ރަނގަޅު ކަމަށް ޝަމާލު ވެސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭކަން މީގެ ކުރިން ރޭކާލާފައި ނުވުމާއި ހަމަލާގެ ކުރިން އެކަން ނުހުއްޓުވުން އެއީ އަދި އެހެން ކަމެކެވެ. ހަމަލާއަށް ފަހު އެމަނިކުފާނުގެ ހަށިފާރަވެރިންގެ ހުޝިޔާރުކަމަށް ޝުކުރު ހައްގެވެ.

އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު، ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ އެ ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކާއެކު ރައީސް ނަޝީދު އޭޑީކޭ ހޮސްޕިޓަލުގެ އެމެޖެންސީއަށް ގެނައީ ގާތްގަނޑަކަށް އެރޭ 8:30 ހާއިރު ކަމަށެވެ. އެމަނިކުފާނު ހޮސްޕިޓަލަށް ގެންދިއުމާއެކު ޑޮކްޓަރުން ވަގުތުން ހަރަކާތްތެރިވާން ފެށި ކަމަށާއި، އެވަގުތު ކުރަންޖެހޭ ކަންތައްތައް ކުރުމަށްފަހު 10 މިނިޓުގެ ތެރޭގައި އޮޕަރޭޝަން ތިއޭޓަރަށް ވެއްދުނު ކަމަށްވެސް، ރައީސް ނަޝީދަށް އޭޑީކޭއިން އެންމެ ފުރަތަމަ ރެސްޕޮންޑްކުރި ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ނިޔާފު ވިދާޅުވިއެވެ.

ހަށިގަނޑުގެ ވަރަށް ގިނަ ތަންތަނުން ބްލީޑްވާކަން އެނގުމުން، އެންމެ ރަނގަޅު ގޮތަކީ ލޭއައުން ހުއްޓުވުމަށް އޮޕަރޭޝަން ތިއޭޓަރަށް ގެންގޮސް ކުރަންޖެހޭ ކަންތައްތައް ކުރުން ކަމަށް އޭޑީކޭ އިމަޖެންސީގައި އޭރު ހަރަކާތްތެރިވި ޑރ؛ ދުސޫމާ އަބްދުއްރައްޒާގު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ ރައީސް ނަޝީދުގެ ހަށިގަނޑުން ލޭ އައުން މަނާ ކުރުމުގެ ކަންތައް ފެށީ އިންކިއުބޭޓް ކުރުމަށްފަހުގައި ކަމަށެވެ.

ތިއޭޓަރުގައި ރައީސް ނަޝީދު ހޭ ނެއްތުމަށްފަހު، ފުރަތަމަވެސް މަސައްކަތް ކުރީ އެންމެ ބޮޑަށް ލޭ އަންނަ ތަންތަން ފާހަގަކޮށް ލޭ މަނާކުރުމުގެ މަސައްކަތްކުރުމަށް ކަމަށާއި އެއަށްފަހު ސީޓީ ސްކޭނެއް ހަދައި އެތެރޭގެ އެއްވެސް ގުނަވަނަކަށް ގެއްލުމެއް ލިބިފައިވޭތޯ ބެލި ކަމަށެވެ.

އެކަމުގެ ތެރެއިން، ރައީސް ނަޝީދުގެ ހަށިގަނޑުގެ އެތެރެއަށް، ރޭޒާ ފުއްތަކާއި ދަގަނޑުކޮޅުތައް ވަދެފައިވާކަން ފާހަގަވި ކަމަށްވެސް ވިދާޅުވިއެވެ.

އޭޑީކޭގައި މަސައްކަތް ކުރައްވާ ނޭޕާލުގެ ކާޑިއޯތޮރޭސިކް ޑޮކްޓަރު ކައުޝަލް ވިދާޅުވީ، ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ޒަހަމެއް ވެފައިވަނީ ފުއްޕާމެޔަށް ކަމަށެވެ. އެގޮތުން ފުއްޕާމެޔަށް ގާތްގަނޑަކަށް ލީޓަރެއްގެ ދެބައިކުޅަ އެއްބައި ލޭ އެޅިފައި ހުރި ކަމަށް ވިދާޅުވިއެވެ.

"ރޭޒަރު ކޮޅެއް ފުއްޕާމޭގެ ބޭރުން ވަދެގެން އައިސް ފުއްޕާމެޔަށް ގެއްލުން ވެ، މޭކަށިގަނޑަށްވެސް ގެއްލުންވި. އަދި އެ އެތިކޮޅު ގޮސް އޮތީ ހިތާ އެއް ސެންޓިމީޓަރަށްވުރެ ވެސް ކައިރީގައި. އެއީ ވަރަށް ނުރައްކާތެރި އެތިކޮޅެއް. އޭތި އޮތީ ހިތާ ވަރަށް ކައިރީގައި. ހިތަކަށް ނުއެއް ވަދޭ. ހިތުގެ ބޭރުގައި ހުރި ޓިޝޫތަކުގަ ޖެހިފަ ހުރި،" ކައުޝަލް ވިދާޅުވިއެވެ.

އޭޑީކޭގެ ކާޑިއޯވަސްކިއުލާ އަދި ތޮރޭސިކް ސާޖަން ޑރ. މުހައްމަދު ޝާފިއު ވިދާޅުވީ، ރޭޒަރު ތިލަކޮޅު ގޮސްފައި ވަނީ ފުއްޕާމޭ ފޫޅަޅުވާލާފައި، ވަރަށް ނުރައްކާތެރި ގޮތަކަށް ކަމަށެވެ. އެހެންކަމުން ފުއްޕާމެއިން ބަބުލް ލީކުވާ ތަންތަނުގައި ޕެޗު އަޅައި ބައްދަން ޖެހުނު ކަމަށް ވެސް ވިދާޅުވިއެވެ.

"(އެއް ތިލަކޮޅު) އޮތީ ހަތަރު ވަނަ ރިބުގަ ޖެހިފަ ފުނޑިފަ. އެ ރިބުގެ އެއް ސެންޓިމީޓަރު ތިރިއަށް ޖެހުނު ނަމަވެސް އެ އެއްޗަކީ ހިތަށް އަރާނެ ކަހަލަ، ވަރަށް ނުރައްކާތެރި ގޮތަކަށް އިން އެއްޗެއް. ރިބު ފުނޑިގެން ގޮސް އޭގެ ވަރަށް ބައިވަރު ކުނޑިތައް ލަންގަށްވެސް ހެރިފަ ހުރި،" ރާއްޖޭގެ ފުރަތަމަ ކާޑިއޯވަސްކިއުލާ ޑޮކްޓަރު ވިދާޅުވިއެވެ.

ލިބުނު ޒަހަމްތަކަށް ކާމިޔާބު ގިނަ ސާޖަރީތަކެއް ވަނީ ކޮށްފައެވެ. އެމަނިކުފާނަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ އިރު، މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ. ރައީސް ނަޝީދުގެ ސަލާމަތް މި ފަހަރު ގުޅިފައި އޮތީ ހަމަލާގެ އަމާޒާ އެވެ. އެންމެ ފުރިހަމަ އަށް އަމާޒު ނުހިފުނީއެވެ.