ކޮވިޑުގެ ހާލަތާއެކު މިއީ ފަހަތަށް ޖެހެންވީ ވަގުތެއް ނޫން ކަމަށާއި ގުޅިގެން މަސައްކަތްކުރަންވީ ވަގުތު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މިދިޔަ ހަފުތާއަކީ މިހާތަނަށް ދިމާވި އެންމެ ނުރައްކާތެރި އަދި އެންމެ ހިތްދަތި ހަފުތާ ކަމަށެވެ. މިދިޔަ ހަފުތާއަކީ އެންމެ ގިނަ މީހުން ޕޮޒިޓިވްވެ، އަދި އެންމެ ގިނަ ބަޔަކު މަރުވި ހަފުތާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ކޮވިޑުގެ އެންމެ ނުރައްކާތެރި ހާލަތުގައި ރާއްޖެ އޮއްވައި، ޓެރަރިޒަމްގެ ހަމަލާއެއްދީ، ރާއްޖެ އެންމެ ނުރައްކާތެރި ހާލަތަށް ވައްޓާލާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ކުރަމުންމިދާ ދަތުރުގައި ތޫފާނުގެ ރޯޅި ގަދަވެއްޖެ. އޮއެ ބާރުވެއްޖެ، ރާޅުތައް ބޮޑެތިވާން ފަށައިފި. މިއީ އަޅުގަނޑުމެން މިހާތަނަށް ދުށް އެންމެ ހިތާމަވެރި، އަދި އެންމެ އުނދަގޫ އެންމެ ދަތި ދުވަސްތައް. އަޅުގަނޑު ބުނަން ބޭނުން، ފަހަތަށް ޖެހުމަކީ އަޅުގަނޑުމެންނަށް އޮތް ފުރުސަތެއް ނޫން. އަޅުގަނޑުމެން ފޯކަސް ކުރަން އެބަޖެހޭ،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ދިވެހީންގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް އެބަހުރި ކަމަށާއި ނަމަވެސް އެކަންކަން އެއްފަރާތްކޮށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެހެން ނޫންނަމަ އަދާކުރަންޖެހޭ އަގު މާ ބޮޑުވެދާނެ ކަމަށް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ މިއަދު މަސައްކަތް ކުރަންވީ މައިންބަފައިންނަށާއި ދަރިންނަށްޓަކައި މުސްތަގުބަލު އުޖާލާ ކުރުމަށް ކަމަށެވެ. އަދި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެންމެން ގުޅިގެން މަސައްކަތް ކުރަން މިއަށްވުރެ މުހިންމު ދަނޑިވަޅެއް އައިސްފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު