ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މައްސަލަ ކުރިއަށްދާ ގޮތް ވަރަށް ގާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައްލަވަމުން ގެންދަވާ ކަމަށް އެމަނިކުފާނުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.

މަބްރޫކް މިރޭ "ވަން" އަށް ވިދާޅުވީ ހާދިސާއާ ގުޅިގެން ރައީސް ސޯލިހު ގެންދަވަނީ ނޭޝަނަލް ސެކިއުރިޓީ ޓީމުތަކާއެކު ބައްދަލުވުންތައް ބާއްވައި، މައްސަލަ ކުރިއަށްދާ ގޮތް ވަރަށް ގާތުން ބައްލަވަމުން ކަމަށެވެ.

"ރައީސް ގެންދަވަނީ ރައީސް ނަޝީދުގެ ހާލުކޮޅު ވެސް ވަގުތުން ވަގުތަށް ބައްދަލަވަމުން،" މަބްރޫކް "ވަން" އަށް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހަމަލާ ދީފައި ވަނީ، އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ އިން ނުކުމެވަޑައިގެން މަޖިދީމަގުގައި އޮތް ކާރަށް އަރައިވަޑައިގަންވަނިކޮށް ކާރު ކައިރީގައި ހުރި ސައިކަލެއްގައި ހަރުކޮށްފައި އިން އެއްޗެއް ގޮއްވާލައިގެންނެވެ.

އެ ހަމަލާއާ ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ އިރު، ޝައްކުކުރެވޭ އަމަލުތަކެއް ހުރި ހަތަރު މީހަކު އެ ސަރަހައްދުގައި އެރޭ އުޅެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ރައީސް ނަޝީދަށް ލިބުނު ޒަހަމްތަކާ ގުޅިގެން ގިނަ ސާޖަރީތަކެއް ހަދާފައިވާ އިރު، އެމަނިކުފާނު އަދިވެސް އޮންނެވީ ހޮސްޕިޓަލުގައެވެ. އޭޑީކޭ އިން އެންމެ ފަހުން މައުލޫމާތު ދިން ގޮތުގައި، އެމަނިކުފާނުގެ ހާލު ކްރިޓިކަލްއެވެ. އަދި ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ.