ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އިއްޔެ ރޭ ހަމަލާދިން ކަމަށް ބެލެވޭ މީހެއްގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަނީ ރައީސް ނަޝީދަށް ހަމަލާދިން ކަމަށް ބުނާ މީހާގެ ދެ ފޮޓޯއެކެވެ. އެއް ފޮޓޯގައި ފެނިގެން ދަނީ އެމީހާ ތަނެއްގައި މަޑުކޮށްލައިގެން ހުންނަ ތަނެވެ. އަދި އަނެއް ފޮޓޯގައި ފެނިގެން ދަނީ އެމީހާ ފައިވާން އަތަށް ނަގައިގެން ދުވެފައިދާ މަންޒަރެވެ. އާންމުވެފައިވާ މީހާގެ ފޮޓޯތައް ނަގާފައިވަނީ އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފޫޓޭޖް ތަކަކުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އޮންލައިން މީޑިއާއަކަށް ވިދާޅުވީ އެމީހާ ހުރީ އަތަމާ ޕެލަސްގެ ތެރޭގައި ކަމަށާއި އެމީހާ ބޮން ގޮއްވާލީ އެތަނުގައި ހުރެގެން ރިމޯޓް ކޮންޓްރޯލެއް ބޭނުންކޮށްގެން ކަމަށެވެ. އަދި އެ މީހާގެ ހަރަކާތްތައް ސީސީޓީވީ ފުޓޭޖުތަކުން ފެނިފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ބޮންޑޭ ވިދާޅުވީ ގޮތުގައި ބޮން ގޮވުމާއެކު އެމީހާ އެތަނުން ދުވެފައިދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށާއި އެމީހާ ދުވެފައި ދިޔަ އިރު އޭނާ އަތުގައި އޮތް އެއްޗެއް ބޮޑު އިންޖީނުގޭ ފުރަގަހު މަގުގައި ހުރި ގާ ޕެލެޓެއްގެ ތެރެއަށް އެއްލައިލި ކަމަށެވެ. އަދި އެތަނުގައި ރިމޯޓެއް ކަހަލަ އެއްޗެއް އޮތް ކަމަށާއި އެ އެތި ފުލުހުންނަށް އޭނާ ދެއްކުމުން ފުލުހުން ގެންގޮސްފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ބޭނުންކޮށްފައިވާ ޑިވައިސް ގޮއްވާލީ ރިމޯޓެއް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.
ޝަމާލް ވިދާޅުވީ އިއްޔެ ރޭ ގޮއްވާލި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އަކީ ވަރަށް ބާރުގަދަ ޑިވައިސްއެއް ކަމަށެވެ. އަދި ސަލްޓަންޕާކުގައި 2007 ވަނަ އަހަރު ގޮއްވާލި އައިއީޑީއަށްވުރެ އިއްޔެރޭ ގޮއްވާލި އަައިއީޑީ އެތައް ދަރަޖައެއް ބާރުގަދަ ކަމަށާއި އޭގެތެރޭގައި ގިނަ އަދަދަކަށް ރޭޒާ ފުއް ވެސް ލާފައި ހުރި ކަމަށެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހަމަލާ ދީފައި ވަނީ، އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ އިން ނުކުމެވަޑައިގަތް މަޖިދީމަގުގައި އޮތް ކާރަށް އަރައިވަޑައިގަންވަނިކޮށް ކާރު ކައިރީގައި ހުރި ސައިކަލެއްގައި ހަރުކޮށްފައި އިން އެއްޗެއް ގޮއްވާލައިގެންނެވެ.
އެ ހަމަލާއާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ އިރު ޝައްކު ކުރެވޭ އަމަލުތަކެއް ހުރި ހަތަރު މީހަކު އެ ސަރަހައްދުގައި އެރޭ އުޅެފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު