ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވާ ގެކޮޅު ހުންނަ ނީލޯފަރު މަގަކީ ހަނި ގޯޅިއަކަށްވެފައި، އެ މަގުގައި ސައިކަލު ޕާކުކޮށްފައި ހުންނާތީ އެމަނިކުފާނަށް ސެކިއުރިޓީ ފޯރުކޮށްދެން ދަތި ކަމަށް އެމްއެންޑީއެފުން ބުނެފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައި މިވަނީ ރައީސް ނަޝީދަށް އަމާޒުކޮށް ރޭ ހަމަލާއެއް ދީފައި ވަނިކޮށެވެ. އެ ހަމަލާ ދީފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރަށް އަރާވަޑައިގެންނެވި ވަގުތާ ދިމާކޮށެވެ.

ނީލޯފަރު މަގުގައި ޕާކު ނުކުރެވޭ ގޮތް ހަދައި ދިނުމަށް އެދި އެމްއެންޑީފުން މާލޭ ސިޓީ ކައުންސިލުގައި އެދުމުން، މާލޭ ސިޓީ ކައުންސިލުން ހައުސިން މިނިސްޓްރީއަށް މިދިޔަ މަހުގެ 23 ވަނަ ދުވަހު ފޮނުވާފައިވާ ސިޓީއެއްގެ ކޮޕީއެއް ވަނީ "ވަން"އަށް ލިބިފައެވެ.

އެ ސިޓީގައި މާލޭ ސިޓީ ކައުންސިލުން ވަނީ ނީލޯފަރު މަގުގައި ޕާކު ކުރާ ސައިކަލުތަކަށް ބިއްލޫރުގެއިން ޕާކިން ޒޯނެއް ހެދުމުގެ ހުއްދައަށް އެދިފައެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ރޭ ދިން މި ހަމަލާއާ ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އެ ހަމަލާ ދޭން އުޅޭކަމުގެ އެއްވެސް އިންޓެލިޖެންސެއް މީގެ ކުރިން ފުލުހުންނަށް ލިބިފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

އަދި މި މައްސަލަ އެންމެ ހާއްސަ އިސްކަމެއް ދީގެން ތަހުގީގުކުރަމުން އަންނަ އިރު، އެ ހަމަލާދިން މީހުން ކަމަށް ޝަައްކު ކުރެވޭ ހަތަރު މީހަކު މިހާރު ފާހަގަކުރެވިފައިވާ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ. ނަމަވެސް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.