ދައުލަތުގެ ތިންބާރުގެ ތެރެއިން އެއްބާރުގެ ވެރިޔާއަށް ރޭ ދިން ޓެރެރިސްޓް ހަމަލާއާ ގުޅިގެން ކުއްލި ހާލަތު އިއުލާނު ކުރަންޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ފުލުހުންނާއި ސިފައިން ތިބީ، ތައްޔާރީ ހާލަތުގައި ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ފުލުހުން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަމީދު ވިދާޅުވީ، އެ ހަމަލާއަށް ފަހު ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވާނެ ކަމަށެވެ.

"ސްޓޭޓް އޮފް އެމަޖެންސީ އިއުލާނު ކުރުމަކީ ދައުލަތުގެ އެންމެ އިސްފަރާތުން ކުރައްވާ ކަމެއް. ހާއްސަ ގޮތެއްގައި ނޭޝަނަލް ސެކިއުރިޓީ ކައުންސިލް ރޭގައި މީޓްވެފައިވާތީވެ އަދި އެ ޑެލިބަރޭޝަން އެއީ ކައުންސިލުގައި ހިންގަންޖެހޭ ޑެލިބަރޭޝަންއެއް ކަަމަށްވާތީ،" ހަމީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސްޓޭޓް އޮފް އިމަޖެންސީ އިއުލާނު ކުރާ ހާލަތަށް ގޮސްފިނަމަ އެ މައުލޫމާތު ހިއްސާ ކުރަންޖެހޭ ފަރާތްތަކަށް ފޮނުވާނެ ކަމަށެވެ.

"މިހާރު މި ހަމަލާއަށްފަހުގައި މިވަނީ ނޭޝަނަލް ޑިފެންސް ފޯސްވެސް އަދި ޕޮލިސް ސާވިސްވެސް އޮޕަރޭޝަނަލީ އެލާޓް ސްޓެޓަސްއަށް ގެނެވިފައި. މަތިކުރެވިފައި. ތައްޔާރީ ހާލަތުގައި. ނަމަވެސް ސްޓޭޓް އޮފް އެމަޖެންސީއެއް ގެންނަން އަދި މިވަގުތު އެފަދަ ހާލަތެއް އޮތް ކަމަކަށް އަޅުގަނޑުމެނަށް ގަބޫލެއް ނުކުރެވޭ،" ސީޕީ ވިދާޅުވިއެވެ.