ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ހަމަލާ ދިން ސަރަހައްދުން ޝައްކު ކުރެވޭ ބަޔަކު ފާހަގަވެފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
އެ ހަމަލާއާ ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ރޭ ދިނީ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި އެ ހަމަލާ ދީފައިވަނީ އެމަނިކުފާނު އަވަހާރަކޮށްލަން ކަމަށެވެ.
ރައީސް ނަޝީދަށް ރޭ ދިން ހަމަލާ އެންމެ ހާއްސަ އިސްކަމެއް ދީގެން ތަހުގީގު ކުރަމުން އަންނަ އިރު، ހަމަލާ ދިން ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށްވެސް ހަމީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު މި އަންނަނީ އެމީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުން،" އެމީހުންގެ އިތުރު ތަފްސީލެއް ނުދެއްވައި ސީޕީ ހަމީދު ވިދާޅުވިއެވެ.
ސީޕީ ހަމީދު އިތުރަށް ވިދާޅުވީ ރޭ ދިން ފަދަ ހަމަލާއެއް ދިނުމުގެ ގާބިލުކަން ހުރި މީހުން މުޖުތަމައުގެ ތެރޭގައްޔާއި ޖަލުތަކުގައިވެސް އެބަތިބި ކަމަށެވެ.
ރޭ ދިން ހަމަލާއާ ގުޅޭ އެއްވެސް އިންޓެލިޖެންސެއް ފުލުހުންނަށް މީގެ ކުރިން ލިބިފައި ނުވާކަމަށްވެސް ސީޕީ ވިދާޅުވިއެވެ. ނަމަވެސް އެ ހަމަލާއާ ގުޅިގެން އިންޓެލިޖެންސްގެ ކަންކަން ވަރުގަދަކޮށް، ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި މައްސަލައިގެ ތަހުގީގުގައި 400 އަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ރޭ އިރާކޮޅު ރައީސް ނަޝީދުގެ ގެކޮޅު ކައިރީން ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެން ދިން ހަމަލާގައި، އެމަނިކުފާނަށް އެކި ވަރުގެ ޒަހަމްތައް ލިބިވަޑައިގެން މިހާތަނަށްވެސް ދެ ސާޖަރީއެއް ވަނީ ހަދައިފައެވެ. މި ޒަހަމްތަކުގެ ސަބަބުން އެމަނިކުފާނުގެ ފުއްޕާމެޔަށް ވެސް އެކި ކަހަލަ އަނިޔާތައް ލިބިފައިވެއެވެ.
އެމަނިކުފާނު މިވަގުތު އޮތީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައެވެ. މި ހާދިސާގައި ރައީސް ނަޝީދުގެ ތިން ސެކިއުރިޓީންވެސް ޒަހަމްވެގެން އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދިއެވެ. ރައީސް ނަޝީދުގެ ސާޖަރީތައް ނިމިފައިވާ އިރު، އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު