ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލައިގެން ރޭ އިރާކޮޅު ދިން ހަމަލާ ތަކުގައި ލިބިވަޑައިގެންނެވި ޒަހަމް ތަކާ ގުޅިގެން، އެމަނިކުފާނު އަދިވެސް އޮތީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވިދާޅުވެއްޖެ އެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ހުންނަވައި، ރާއްޖެ ޓީވީން ކުރިޔަށް ގެންދާ ލައިވް ކަވަރޭޖަށް މީގެ އިރުކޮޅެއް ކުރީން ދެއްވި އިންޓަވިއުއެއްގައި ދޮންބިލެތް ވިދާޅުވީ ރައީސް ނަޝީދު އަދިވެސް އޮތީ ހޭފުޅު ނެތިފައި ކަމަށެވެ. އަދިވެސް އިތުރު ސާޖަރީއެއް ހަދަން ޖެހޭނެ ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް ދޮންބިލެތް ވިދާޅުވި އެވެ.

ރޭ އިރާކޮޅު ރައީސް ނަޝީދުގެ ގެކޮޅު ކައިރީން ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެން ދިން މި ހަމަލާގައި، އެމަނިކުފާނަށް އެކި ވަރުގެ ޒަހަމްތައް ލިބިވަޑައިގެން މިހާތަނަށް ވެސް ދެ ސާޖަރީއެއް ހަދާފައިވާ ކަމަށް ރިޕޯޓުތައް ލިބެ އެވެ. މި ޒަހަމްތަކުގެ ސަބަބުން އެމަނިކުފާނުގެ ފުއްޕާމެޔަށް ވެސް އެކި ކަހަލަ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުތައް ލިބެ އެވެ.

މި ހާދިސާގައި ރައީސް ނަޝީދުގެ ތިން ސެކިއުރިޓީން ވެސް ވަނީ ޒަހަމް ވެފަ އެވެ.

ޓެރަރިޒަމްގެ މި ހަމަލާގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ޓަކައި، ކަމާ ބެހޭ ބޭރުގެ މާހިރުން މާދަމާ ރާއްޖެ އަންނާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވަނީ ވިދާޅުވެފަ އެވެ.