ފ. މަގޫދޫ އެއާޕޯޓް ހުއްޓާލައި، އެއަތޮޅު ނިލަންދޫގައި އެއާޕޯޓެއް ހަދަން ސަރުކާރުން ނިންމި ނިންމުން މުރާޖައާކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމެވެ.
މި ކުއްލި މައްސަލަ މަޖިލިސް އަށް ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ، ފ. މަގޫދޫ އެއާޕޯޓްގެ 70 ޕަސެންޓް ނިމިފައިވަނިކޮށް، ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް، ގާނޫނާ ހިލާފަށް ބޭނުންކުރައްވައި އަމިއްލަ އާއިލީ އަދި ސިޔާސީ މަންފާއަށް އެ މަަސައްކަތް ހުއްޓާލައްވާފައިވާ ކަމަށެވެ.
މެންބަރު ވިދާޅުވީ، މަގޫދޫ އެއާޕޯޓަކީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ކްރޮސް ސަޕްސިޑީގެ ގޮތުގައި 21 މިލިޔަން ޑޮލަރުގެ ނަގުދު ފައިސާ ލިބިގެން ފަށާފައިވާ މަޝްރޫއެއް ކަމަށެވެ.
"ވެރިކަމާ ހަވާލުވި އިރު އެއާޕޯޓްގެ 70 ޕަސެންޓް ވަނީ ނިމިފައި. ނަމަވެސް އެއާޕޯޓްގެ މަަސައްކަތް ހުއްޓާލަން ނިންމައި އެރަށާ ޖެހިގެން ގާތްގަނޑަކަށް 10 މިނެޓުން ދެވެން އޮތް ފ. ނިލަންދޫ ދާއިރާއަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ކެނޑިޑޭޓެއްގެ ގޮތުގައި ނެރެ ނިލަންދޫގައި އެއާޕޯޓެއް އަޅަން ވަނީ އިއުލާންކޮށްފައި. މިއީ ރައީސްގެ އާއިލީ އަދި ސިޔާސީ މަންފާއަށް ނިންމި ނިންމުމެއް ކަމަށް އެއްވެސް ޝައްކެއްނެތް މިންވަރަށް އެނގޭ،"
އަހުމަދު ހަލީމް ވިދާޅުވީ، މި ނިންމުމަކީ ދިވެހި ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްގެން ރައީސްގެ ޒާތީ އަދި އަމިއްލަ މަސްލަހަތު އިސްކުރައްވައި، ގާނޫނު އަސާސީން ރައީސަށް ދީފައިވާ ބާރުތައް ގާނޫނީ ހުދޫދުން ބޭރުން، ބޭނުންކުރައްވައިގެން ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ.
އެހެންކަމުން މަގޫދޫ އެއާޕޯޓް މަޝްރޫއު ހުއްޓުވާލުމަށްފަހު ނިލަންދޫގައި އެއާޕޯޓް ހެދުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމުގެ އަޑީގައިވާ ސިޔާސީ ސަބަބުތައް ފެންނަން އޮތުމުން ގައުމުގެ ތަރައްގީ އާއި މާލިއްޔަތާއި ގުދުރަތީ ވަސީލަތްތައް ރައީސްގެ އަމިއްލަފުޅު އާއިލާގެ ސިޔާސީ މަންފާއަށް ބޭނުންކުރައްވާކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސް، ޑިމޮކްރެސީ އާއި ދެފުށްފެންނަ ސިޔާސަތުގެ ގުޑް ގަވާނަންސްގެ އުސޫލުތައް ސަރުކާރުގެ ހުރިހާ ނިންމުމެއްގައި އިސް ކުރުމަށާއި ނިލަންދޫގައި އެއާޕޯޓް ހަދަން ނިންމި ނިންމުން މުރާކައާކުރުމަށް މި ކުއްލި މައްސަލައިގައި ސަރުކާރަށް ވަނީ ގޮވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު