ބިލެއްދޫ ދާއިރާގެ ތަރައްގީއަށް މި ސަރުކާރުން ކޮށްދޭ ކަންކަން ހަނދާން ނުނެތޭނެ ކަމަށް ވިދާޅުވެ، އެ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދުނު ފެކްޝަންގެ ކޯޅުމުގައި ރައީސް ސޯލިހުގެ ފަޅިއަށް ދޮންބިލެތް އަރާވަޑައިގެންނެވި އިރު، އޭނާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި އެއް މެމްބަރެވެ. އެގޮތުން ދޮންބިލެތް ވަނީ މީގެ ކުރިން ސަރުކާރާއި ރައީސް ސޯލިހަށް ތާއީދުކުރައްވާ ބައެއް މަޖިލިސް މެންބަރުންނަށް ފާޑުވިދާޅުވެފައެވެ. ނަމަވެސް ރައީސް ނަޝީދަށް ތާއީދުކުރާ "ފިކުރެއްގެ ދިރުން" ފެކްޝަނުން "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދި އިރު، އެ ފެކްޝަނާއެކު އެމްޑީޕީން ދޮންބިލެތް ވަކިވެވަޑައިގެންފައެއް ނުވެއެވެ.

ފ. އަތޮޅަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި މިރޭ މަގޫދޫގައި ބޭއްވި ޖަލްސާގައި ދޮންބިލެތް ވިދާޅުވީ، ބިލެއްދޫ ދާއިރާއަށް އެންމެ ބޮޑު ތަރައްގީއެއް ގެނެސްދީފައިވަނީ މި ސަރުކާރުން ކަމަށާއި އެހެންވެ، އަންނަ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އޭނާ ހުންނަވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސޯލިހާއެކު ކަމަށެވެ.

"އަޅުގަނޑު 100 ޕަސެންޓް ޔަގީންކަން މަނިކުފާނަށް އަރުވަން، މި ބިލެއްދޫ ދާއިރާގެ ބޮޑު މެޖޯރިޓީއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި އަންނަ ރިޔާސީ އިންތިހާބުގައި ލިބޭނެ،" އޭނާ ވިދާޅުވިއެވެ.

ދޮންބިލެތް ވިދާޅުވީ އޭނާއަކީ އެއްވެސް މީހެއްގެ ނުފޫޒުގެ ދަށު ވެގެން މަސައްކަތް ކުރާނޭ މީހެއް ނޫން ކަމަށާއި މަސައްކަތްކުރާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ މި ސަރުކާރު ދަމަހައްޓަން ކަމަށް ވިދާޅުވިއެވެ.

"ރައްޔިތުން ވިސްނާ ގޮތާއި ރައްޔިތުންގެ ވިންދާއި ރައްޔިތުންގެ ރޫހާ އެއްގޮތަށް މަސައްކަތް ކުރާ މީހެއް އަޅުގަނޑަކީ. ވަކި މީހެއްގެ ނުފޫޒަކަށް ލެނބިހުރި މީހެއް ނޫން، އަޅުގަނޑަކީ ދޮންބިލެތް އަހުމަދު. އަޅުގަނޑު މާސްކު ނެގިޔަސް ހުންނާނީ ހަމަ ދޮންބިލެތް އަހުމަދު،" އޭނާ ވިދާޅުވިއެވެ.

ދޮންބިލެތް އިތުރަށް ވިދާޅުވީ، ބިލެއްދޫ ދާއިރާއަށް މި ސަރުކާރުން ކޮށްދޭ ކަންކަން ރައްޔިތުން ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށެވެ.