ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ޕެޓިޝަންގައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)، އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ)، ހިމެނޭހެން އިތުރު ތިން މެންބަރަކު ސޮއިނުކުރާކަން ހާމަވެއްޖެއެވެ.

ނަޝީދުގެ އިތުބާރު ނެތް މައްސަލަ އެމްޑީޕީގެ ފަރާތުން މަޖިލީހަށް މިއަދު ހުށަހަޅާފައި ވަނީ 54 މެންބަރުންގެ ސޮޔާއެކުގައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 50 މެމްބަރުންނާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމް, ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ), ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަދި އެމްޑީއޭގެ ލީޑަރު އަދި ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދެވެ.

ކުރީގެ ރައީސް ނަޝީދު ގާނޫނުއަސާސީއާއި ގަވާއިދުތަކާ ހިލާފަށް މަޖިލިސް ހިންގަވާ ކަމަށް ތުހުމަތުކޮށް، އެ މަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ނިންމިކަން އެމްޑީޕީން އިއުލާން ކުރީ އިއްޔެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނަޝީދު ހިމެނިވަޑައިގަންނަވާހެން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގައި ތިއްބަވަނީ 56 މެމްބަރުންނެވެ. އެ ޕާޓީގެ މެމްބަރުންގެ ނަޝީދު ވަކިކުރަން ސޮއިކޮށްފައި ނުވަނީ، ދޮންބިލެތާއި ހަސަންޓޭގެ އިތުރުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދެވެ. އެނގިފައިވާ ގޮތުގައި ސިރާޖު މި ވަގުތު ރާއްޖޭގައި ނޫޅުއްވައެވެ.

ދޮންބިލެތަކީ ރައީސް ނަޝީދު ސިޔާސީ މަސައްކަތް ފެއްޓެވީއްސުރެ އެ މަނިކުފާނުގެ ގާތް އެކުވެރިއެކެވެ. ނަމަވެސް މިފަހުން އޭނާ ވަނީ ރައީސް ސޯލަށް ތާއީދުކުރައްވާކަން އިއުލާން ކުރައްވައިފައެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށްވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް އެ ދުވަހުގެ ޖަލްސާއަށް ހާޒިރުވާ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެއެވެ. އެއީ މިހާރު ތިއްބެވި ޖުމުލަ މެންބަރުންގެ ތެރެއިން 44 މެންބަރުންނެވެ.

ނަޝީދު ވަކިކުރަން ނިންމެވި ސަބަބުތައް ބަޔާން ކުރައްވައި އިއްޔެ އަސްލަމް ވިދާޅުވީ މިހާރު ރައީސް ނަޝީދު އަމަލުކުރައްވާ ގޮތާ ގުޅިގެން ގިނަ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ ކަމަށެވެ.

"އޭޖީގެ އިތުބާރުގެ މައްސަލައާ ގުޅޭގޮތުން މަޖިލީހުގެ ރިޔާސަތުން ނިންމެވި ނިންމުންތަކާއި އެ މައްސަލަ ކުރިއަށް ނުގެންދެވި މުޅި މަޖިލިސް ހުއްޓުމަކަށް އަންނަ ހިސާބަށް ކަންތައްވަމުން ދިޔައީ ރިޔާސަތުން އަމަލުކުރާ ގޮތުން ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ނަޝީދު ރިޔާސަތުގައި އިންނަވައިގެން މަޖިލިސް ކުރިއަށް ގެންދަވަނީ "ޗަރުކޭހެއްގެ" ގޮތުގައި ކަމަށެވެ. ރިޔާސަތުން އަމަލުކުރައްވަނީ ހިތުހުރި ގޮތަކަށް ކަމަށާއި ގާނޫނާއި ގަވައިދުތައް މާނަކުރައްވަނީ އެމަނިކުފާނު ހިތުހުރި ގޮތަކަށް ކަމަށާއި އެއީ އެ މަނިކުފާނު ރިޔާސަތުގައި އިންނަވައިގެން ގާނޫނާ ހިލާފަށް ކުރައްވަމުން ގެންދަވާ އަމަލުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.