ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާ އދ. އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިންވެސް ކުށްވެރިކޮށްފިއެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގޭ ކައިރީގައި ހިނގި މި ހާދިސާގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި އެ ސަރަހައްދުގައި އޭރު ހުރި ބިދޭސީއަކަށްވެސް ވަނީ އަނިޔާވެފައެވެ.

އެކަމާ ގުޅިގެން ރާއްޖޭގައި ހުންނަ އދ.ގެ އޮފީހުން ރޭ ބުނީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ކުށްވެރިކުރާ ކަމަށާއި އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށެވެ. އަދި ރާއްޖެއަކީ އަމާން އަދި ރައްކާތެރި ގައުމަކަށް ހެދުމަށް ދިވެހި ރައްޔިތުންނާއެކު އދ. އިން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް އެޖަމިއްޔާއިން ބުންޏެވެ.

ރައީޝް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރާއްޖޭގައި ހުންނަ ޔޫރަޕިއަން ޔުނިއަންގެ ގޮފިންވެސް ވަނީ އެހަމަލާ ކުށްވެރިކޮށް ރައީސް ނަޝީދަށް އަވަސް ޝިފާއަކަށް އެދިފައެވެ.

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އޭޑީކޭގެ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ފަރުވާދެމުން އަންނަ އިރު، އެކަނިކުފާނުގެ ހާލު ސްޓޭބަލް ކަމަށް އޭޑީކޭ ހޮސްޕިޓަލުން މީގެ ކުރިން ބުނެފައިވެއެވެ

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. އަދި އޭޑީކޭ ސަރަހައްދުގެ އިތުރުން ކެނެރީގޭ ސަރަހައްދުވެސް ބަންދުކޮށް ފުލުހުންނާއި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށާއި އެކަމަށް ބޭރުގެ އެހީ ހޯދާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.