މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިރޭ ދިން ހަމަލާއަކީ އެމަނިކުފާނުގެ ފުރާނަފުޅު ދުއްވާލުމަށް ދީފައިވާ ޓެރަރިސްޓް ހަމަލާއެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެވެސް ރައީސް، ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައިވަނީ އެމަނިކުފާނު ދިރިއުޅުއްވާ ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީމަގުގައި އޮތް ކާރަށް އަރާވަޑައިގަންނަވަނިކޮށެވެ. އެ ހަމަލާގައި އެމަނިކުފާނާއި އެމަނިކުފާނުގެ ތިން ބޮޑީގާޑަކަށާއި އެ ސަރަހައްދުގައި އޭރު ހުރި ބިދޭސީއަކަށްވެސް އަނިޔާވެގެން އޭޑީކޭގައި ގެންދިޔައެވެ.

އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެމްޑީޕީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އެ ހަމަލާއަކީ ސީދާ ރައީސް ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ފުރާނަފުޅު ދުއްވާލުމަށް ދީފައިވާ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ. އަދި މި ނުރައްކާތެރި ޓެރަރިސްޓް ހަމަލާ މިހާރުން މިހާރަށް ތަހުގީގުކޮށް އެކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ގޮވާލާފައިވެއެވެ.

އޭޑީކޭ ހޮސްޕިޓަލުން މިރޭ ބުނީ އަނިޔާތަކަކާއެކު ރައީސް ނަޝީދު އެ ހޮސްޕިޓަލަށް ގެނައީ މިރޭ 8:30 ގައި ކަމަށެވެ. އަދި އެމަނިކުފާނަށް މިވަގުތު ފަރުވާދެމުން އަންނަނީ މަލްޓި ސްޕެޝަލިޓީ މެޑިކަލް ޓީމަކުން ކަމަށާއި ލިބިވަޑައިގެން ޒަހަމްތަކާ ގުޅިގެން އިތުރު ސާޖަރީތަކެއް ހަދަން ޖެހިފައިވާ ކަމަށްވެސް ބުންޏެވެ.