ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާ އެންމެ މަތީ ދަރަޖައިގެ އަހަންމިއްޔަތު ކަމެއް ދީގެން ފުލުހުން ތަހުގީގުކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެއިން ނުކުމެވަޑައިގެން، ރައީސް ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލުމުގެ ހާދިސާގައި އެމަނިކުފާނާއި އެމަނިކުފާނުގެ ތިން ބޮޑީގާޑަކަށާއި އެ ސަރަހައްދުގައި އޭރު ހުރި ބިދޭސީއަކަށްވެސް އަނިޔާވެގެން އޭޑީކޭގައި އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެއެވެ.

މިނިސްޓަރު އިމްރާން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް، މިރޭ ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

"މި މައްސަލަ އެންމެ މަތީ ދަރަޖައިގެ އަހަންމިއްޔަތު ކަމެއް ދީގެން ދިވެހި ފުލުހުން ތަހުގީގު ކުރާކަން ކަށަވަރުކުރާނަން އިންޝާﷲ. ރައީސް ނަޝީދާއި ގެއްލުން ލިބުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދެން،" އިމްރާން ވިދާޅުވިއެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ލޮލަށް އަނިޔާވެގެން ފަރުވާ ހޯއްދަވަމުން އަންނަނީ އޭޑީކޭގެ އޮޕަރޭޝަން ތިއޭޓަރުގައެވެ.

އޭޑީކޭ ހޮސްޕިޓަލުން މިރޭ ބުނީ ރައީސް ނަޝީދު އަނިޔާތަކަކާއެކު މިރޭ 8:30 ގައި ގެނެވިފައިވާ ކަމަށާއި އެމަނިކުފާނަށް މިވަގުތު ފަރުވާދެމުން އަންނަނީ މަލްޓި ސްޕެޝަލިޓީ މެޑިކަލް ޓީމަކުން ކަމަށެވެ.