އެފްއޭމްގެ އިމާރާތެއް ކަމަށްވާ އެފްއޭއެމްގެ ހައުސްގެ އިމާރާތް، ކޮވިޑް 19ގެ ފެސިލީޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށް ދީފިއެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެފްއޭއެމް ހައުސްގެ އިމާރާތް ކޮވިޑް 19 ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރުމަށް ދީފައިވާ ކަމަށާއި، ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އެޗްޕީއޭއާއެކު ވަޑައިގެން މިހާރު އެ އިމާރާތް އިންސްޕެކްޓް ވެސް ކުރައްވާފައިވާ ކަމަށެވެ.
މިފަދަ ހާލަތެއްގައި ފުޓުބޯޅަ އާއިލާގެ ހާއްސަ އެހީތެރިކަމެއް ގައުމުގެ ރައްޔިތުންނަށް ފޯރުކޮށްދެވުމަކީ ބޮޑު ޝަރަފެއް ކަމަށްވެސް ބައްސާމް ވަނީ ފާހަގަކުރައްވާފައެވެ.
އެފްއޭއެމްގެ އޮފީސް ދާދި ފަހުން ވަނީ އާ އިމާރާތަކަށް ބަދަލު ކޮށްފައެވެ. ކުރީން އޮފީސް އިމާރާތެއްގެ ގޮތުގައި އެފްއޭއެމް ހައުސް ބޭނުން ކުރި ނަމަވެސް، މިހާރު އިދާރީ އިމާރާތެއްގެ ގޮތުގައި ބޭނުންކުރަނީ އާ އިމާރާތެކެވެ.
ދާދި ފަހުން އެޗްއީއޯސީން ބޭއްވި ޕްރެސްއެއްގައި ސަރުކާރުން އިއުލާން ކޮށްފައި ވަނީ ހާލަތު ގޯސް ވެ، ރާއްޖޭގެ ފެސިލިޓީތައް ފުރެމުންދާ ކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އައިސީޔޫ އެނދުތައް އިތުރުކުރުމާއި އައިސޮލޭޝަން ފެސިލިޓީތައް އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ފެސިލިޓީތައް އެހެން ގޮތްގޮތުން ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ސަރުކާރުގެ ފަރާތުން ވަނީ ކުރިން ވިދާޅުވެފައެވެ.
މި ފަހަކަށް އައިސް ކޮވިޑްގެ ކޭސްތައް ރެކޯޑް މިންވަރަކަށް ވަނީ އިތުރުވެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް 700 އަށްވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު