ޖިންސީ ގޯނާގެ މައްސަލަތަކަކާ ގުޅިގެން ހަތް ދައުވާއެއް އުފުލުމާ ގުޅިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ކުރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލަން އަމުރު ކުރީ މުއްދަތެއް ނެތް ގޮތަށް ކަމަށް ދައުލަތުން ބުނެފިއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމާ ގުޅިގެން އެ ދުވަހުން އެދުވަހަށް އަލީ ވަހީދު ވަނީ ތުރުކީ އެއާލައިނުން ރާއްޖޭން ބޭރަށް ފުރައިފައެވެ.

އެެ ކަމާ ގުޅިގެން އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އޭނާގެ ޣައިރު ހާޒިރުގައި ކުރިމިނަލް ކޯޓުގައި ކުރިއަށް ނުގެންދެވިގެން، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކުރި އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ނަމަވެސް އެ މައްސަލައިގައި، އަލީވަހީދަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ އާއި އަލީ ވަހީދު ދިރިއުޅޭ ތަނެއް ހޯދިފައި ނުވާތީ އެ މައްސަލައިގެ ފޯމު ބާތިލުކޮށް ހުސްވި އޭޕްރީލްމަހު ހައިކޯޓުން ވަނީ އެ މައްސަލަ ބާތިލު ކޮށްފައެވެ.

އެކަމާ މެދު ހިތްހަމަ ނުޖެހިގެން ދައުލަތުުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

އަލީ ވަހީދު އުޅޭ ތަނެއް އެނގެން ނެތުމުން، ދައުލަތުން ސުޕްރީމް ކޯޓުގައި އެދިފައި ވަނީ، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލި މައްސަލަ އޭނާގެ ޣައިރު ހާޒިރުގައި ހައިކޯޓުން ކުރިއަށް ގެންދާނެ ފަދަ ހުކުމެއް ހޯދުމަށެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި މައްސަލަ ހިނގައިދިޔަ ގޮތް ޝަރީއަތުގެ މަޖިލީހަށް ވިދާޅުވެދެއްވަމުން ޕްރޮސިކިއުޓާޖެނެރަލް އޮފީހުގެ ވަކީލު ފަރަހަނާޒް މުހައްމަދު ވިދާޅުވީ، އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރީ ހަތަރު މަހުގެ މުއްދަތަކަށް ކަމަށް ގާޒީ ވިދާޅުވި ނަމަވެސް ޕާސްޕޯޓް ދޫކޮށްލަން ނެރުނު އަމުރުގައި އެކަމަށް ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާ ކަމަށެވެ.

އެ މައްސަލަ މުރާޖައާ ކުރުމަށް ކުރިމިނަލް ކޯޓަށް ދައުލަތުން ހުށަނޭޅީ ކީއްވެގެންތޯ، މިއަދުގެ ޝަރީއަތުގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު މަހާޒް އަލީ ޒާހިރު ސުވާލު ކުރެއްވުމުން ފަރަހަނާޒް ވިދާޅުވީ، މުރާޖައާ ކުރަން ހުށަހެޅުމުގެ ބަދަލުގައި އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅީ، މައްސަލަ މުރާޖައާ ކުރަން ހުށަހެޅި ނަމަ ޕާސްޕޯޓު ދޫކޮށްލަން އަމުކުރެއްވި ގާޒީ އެ މައްސަލައަށް ގޮތް ނިންމަވައިފާނެތީ ކަމަށެވެ.

ފަރަހަނާޒް ވިދާޅުވީ، އަލީ ވަހީދުގެ މައްސަލައިގައި ކުރިމިނަލް ކޯޓުގައި ކަން ހިންގާފައި ވަނީ މިހާތަނަށް އެއްވެސް މައްސަލައެއްގައި ކަން ހިނގާފައި ނުވާ ގޮތަކަށް ކަމަށެވެ.

އެކަމާ ގުޅިގެން ފަނޑިޔާރު އަޒްމިރަލްޑާ ޒާހިރު ސުވާލު ކުރެއްވުމުން ވަކީލު ވިދާޅުވީ، ކުރިމިނަލް ކޯޓުގެ އަމިއްލަ އިސްނެގުމަށް އަލީ ވަހީދުގެ މެޑިކަލް ޗެކަޕް ހެދުމަށް ނިންމައި ހަބީރެއް (އެކްސްޕާޓެއް) ހާޒިރުކުރުން އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

އެގޮތުން އަލީ ވަހީދު ރާއްޖޭން ބޭރަށް ދާން ޖެހޭ ކަމަށް ޑރ. ޔޫސުފް ޝާން ހެކިބަސް ދެއްވިއިރު ރިއާޔަތް ކުރެއްވި، އެކަމާ ބެހޭ ލިޔުންތައް އަދިވެސް ލިބިފައި ނުވާ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި އަލީ ވަހީދުގެ ޕާސްޕޯޓް މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ، އަލީ ވަހީދުގެ މައްސަލަތައް ޣައިރު ހާޒިރުގައި ކުރިއަށް ގެންދެވެން ނެތުމުން އޭނާ ރާއްޖެ ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ އޭނާގެ ޕާސްޕޯޓާ މެދު ނިންމާ ގޮތެއްގެ މައްޗަށެވެ. އެއީ އޭނާގެ ޕާސްޕޯޓް ވަކި މުއްދަތަކަށް ކެންސަލް ކުރުން، ނުވަތަ ހިފެހެއްޓި ކަމަށް ނިންމައިފިނަަމަ، އޭނާ ރާއްޖެ އައުމަށް މަޖުބޫރު ވުން ނުވަތަ، އޭނާ ހޯދުމަށް އިންޓަޕޯލް ރެޑްނޯޓިސް ނެރުމަށް މަގުފަހިވާނެތީއެވެ.