ފުލޫ ކުލިނިކަށް ދެއްކި ބަޔަކު ޕޮޒިޓިވް ވެ ފުވައްމުލަކަށް އަރައިފޭބުން މަނާކޮށް މޮނިޓަރިން އަށް ލައިފި އެވެ.

ފުވައްމުލަކު ސިޓީން އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ ރޯގާގެ އަލާމާތްތައް ހުރެގެން ފުލޫ ކްލިނިކަށް އިއްޔެ ދެއްކި މީހެކެވެ. އޭގެ ފަހުން ދެވަނަ މީހަކުވެސް ރޯގާގެ އަލާމާތް ހުރެގެން ފުލޫ ކުލިނިކަށް ދެއްކުމުން އޭނާގެ ސާމްޕަލް ވެސް ވަނީ ޕޮޒިޓިވް ވެފަ އެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު "ވަން" އަށް މިއަދު ވިދާޅުވީ ދެވަނަ އަށް ޕޮޒިޓިވް ވެފައިވަނީވެސް ފުލޫ ކުލިނިކަށް ދެއްކި ފުރަތަމަ މީހާގެ ކޮންޓެކްޓްސް ތެރޭގައި ހިމެނޭ މީހެއް ކަމަށެވެ. އަދި އެ ދެ މީހުންގެވެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި މިހާރު އެ ސިޓީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން މޮނިޓަރިންއަށް ލާފައިވާ ކަމަށް ވިދާޅުވި އެވެ.

ޟިރާރު ވިދާޅުވީ ފުރަތަމަ ޕޮޒިޓިވް ވި މީހާއަކީ ފާއިތުވި ދުވަސްތަކުގައި ދަތުރެއް ކޮށް ނުވަތަ ކޮންޓެކްޓް ވުމުގެ ސަބަބުން ކަރަންޓީނު ކުރެވުނު މީހެއް ނޫން ނަމަވެސް އޭނާ އަކީ ބޭރުތެރޭގައި ވަރަށް ހަރަކާތްތެރި މީހެއް ކަމަށެވެ.

އެއްފަހަރާ ގިނަ ބަޔަކު ޕޮޒިޓިވް ވެއްޖެ ހާލަތެއްގައި ފަރުވާ ދެވޭނެ ވަސީލަތްތައް ފުވައްމުލަކު ސިޓީގައި ނެތް ކަމަށާއި އެހެން ކަމުން ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރުގައި ނޫޅުމަށް ހުރިހާ ރައްޔިތުންނަށްވެސް އޭނަ ވަނި އިލްތިމާސް ކުރައްވާފަ އެވެ. އަދި މި ބަލިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދެމުން އަންނަ އިރުޝާދުތަކަށް އަމަލު ކުރުމަށްވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.

ފުވައްމުލަކާއެކު މިހާރު މޮނިޓަރިން އަށް ލާފައިވާ ރަށްތަކުގެ އަދަދު ވަނީ 28 އަށް އަރާފަ އެވެ.