ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން 2021 ވަނަ އަހަރު މަރުވި، ސަދާ ސައުދުﷲގެ ހަނދާނުގައި، އެ ސިޓީގައި ކްލިނިކެއް އިއްޔެ ހުޅުވައިފިއެވެ.

ސަދާ މަރުވީ އުމުރުން އެންމެ ފަސް އަހަރުގައި، 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، އޭނާގެ ގަޔަށް ޖެހި ގޯސް އިންޖެކްޝަނަކާ ގުޅިގެންނެވެ.

10 އޮކްޓޯބަރު 2026، ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން 2021 ވަނަ އަހަރު މަރުވި، ސަދާ ސައުދުﷲގެ ހަނދާނުގައި، އެ ސިޓީގައި ކްލިނިކެއް ހުޅުވުން -- ފޮޓޯ/ ސައުދުﷲ އަހުމަދު، ފޭސްބުކް

ސަދާގެ ހަނދާނުގައި "ފުވައްމުލަކު މެޑިކަލް ސެންޓަރު" ގެ ނަމުގައި ކްލިނިކް ހުޅުވުމާ ގުޅިގެން ސަދާގެ ބައްޕަ، ސައުދުﷲ އަހުމަދު، ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ ލޯތްބާއި ހަނދާންތަކުން ހިތްވަރު ހޯދައިގެން ދެކެމުން އައި ހުވަފެނެއް ހަގީގަތަށް ވެގެން ދިޔަ ދުވަހެއް ކަމަށެވެ. އަދި މި ސެންޓަރުގެ ސަބަބުން ފުވައްމުލަކުގެ ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ފަސޭހައިން ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ސައުދުﷲ ބުނެފައިވެއެވެ.

މި ސެންޓަރަކީ ހަމައެކަނި ސިއްހީ ހިދުމަތެއް ދޭ ތަނެއް ނޫން ކަމަށާއި، އޭނާގެ ލޯބިވާ ދަރިފުޅުގެ ހަނދާނަށްޓަކައި ދެވޭ ޝަރަފެއް ކަމަށްވެސް ސައުދުﷲ ފާހަގަކޮށްފައިވެއެވެ.

ޏ، ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވި ސަދާ ސައުދުﷲ -- ފޮޓޯ: ސައުދުﷲ ފޭސްބުކް

އުމުރުން ފަސް އަހަރުގެ ސަދާ މަރުވީ ގަދަޔަށް ބަނޑުގައި ރިއްސާތީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިއުމުން ޖެހި އިންޖެކްޝަނެއްގެ ސަބަބުން ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. އަދި ހެލްތު މިނިސްޓްރީގެ ރިޕޯޓުންވެސް އެކުއްޖާއާ މެދު އިހުމާލު ވެފައިވާކަން ވަނީ ހާމަވެފައެވެ. އެއާއެކު ސަދާއަށް ފަރުވާ ދިނުމުގައި ބައިވެރިވި ދެ ޑޮކްޓަރަކާއި ނަރުހަކު ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި އެއް ޑޮކްޓަރަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ހެލްތު މިނިސްޓްރީން ސަދާގެ މަރުގެ މައްސަލަ ބެލުމަށްފަހު ތައްޔާރުކުރި ރިޕޯޓުގައި ވަނީ 21 ކަމެއް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ފަރުވާ ދިނުމުގެ ކުރިން ސަދާގެ މެޑިކަލް ހިސްޓްރީ ނުބަލައި ޑޮކްޓަރުން ބޭސް ދިންކަން ވަނީ ފާހަގަކޮށްފައެވެ. އަދި ބަލިމީހުންގެ ރެކޯޑްސް ބަލަހައްޓާ ވިނަވި ޕޯޓަލް ސަދާގެ އެގްޒަމިން ހެދިކަމަށް އަޅާފައިވިޔަސް އެއީ ދޮގެއް ކަމަށް އެ ރިޕޯޓުގައިވެއެވެ.

އެ މައްސަލައިގައި އިހުމާލުވި ޑޮކްޓަރުންނާއި ނަރުހުންނަށް ޖިނާއީ ދައުވާކުރުމަށް އެދި އާއިލާގެ ފަރާތުން ވަނީ ފުލުހަށް ވެސް ހުށަހަޅައިފައެވެ.