ރޯގާގެ އަލާމާތް ހުރުމުގެ ސަބަބުން ފުވައްމުލަކު ސިޓީގެ ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ފުވައްމުލަކު ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޟިރާރު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވުދާޅުވީ ރޯގާ ޖެހިގެން އިއްޔެ ފުލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ކަމާ ގުޅޭ އިދާރާތަކާ އެކަން ހިއްސާކޮށްފައި ވީ ނަމަވެސް އަދި އެރަށް މޮނިޓަރިންގެ ހާލަތަށް ލާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޟިރާރު ވިދާޅުވީ އެ މީހާއަކީ ފާއިތުވި ދުވަސްތަކުގައި ދަތުރެއް ކޮށް ނުވަތަ ކޮންޓެކްޓް ވުމުގެ ސަބަބުން ކަރަންޓީނު ކުރެވުނު މީހެއް ނޫން ނަމަވެސް އޭނާ އަކީ ބޭރުތެރޭގައި ވަރަށް ހަރަކާތްތެރި މީހެއް ކަމަށެވެ. އޭނާއަށް ބަލި ޖެހުނު ގޮތާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މިމީހާއާ ކޮންޓެކްޓް ވި މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދޭ. މި މަސައްކަތް ނިމުމުން ނޫނީ ކޮންޓެކްޓްވީ ކިތައް މީހުނާ ކަން ބުނެދޭން އުނދަގޫ. އޭނަ އަކީ ފުދޭ ވަރަކަށް ބޭރުގަ ހަރަކާތްތެތިވާ މީހެއް ވީމަ ކޮންޓެކްޓްސް ގިނަވާނެ ކަމަށް ބެލެވެނީ. އެކަމަކު ބަލި ޖެހޭ މީހުންގެ އަދަދު މަދުވާނެ ކަމަށް އުއްމީދު ކުރަން." ޟިރާރު ވިދާޅުވި އެވެ.

ޟިރާރު ވިދާޅުވީ އެއްފަހަރާ ގިނަ ބަޔަކު ޕޮޒިޓިވް ވެއްޖެ ހާލަތެއްގައި ފަރުވާ ދެވޭނެ ވަސީލަތްތައް ފުވައްމުލަކު ސިޓީގައި ނެތް ކަމަށާއި އެހެން ކަމުން ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރުގައި ނޫޅުމަށް ހުރިހާ ރައްޔިތުންނަށްވެސް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި މި ބަލިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދެމުން އަންނަ އިރުޝާދުތަކަށް އަމަލު ކުރުމަށްވެސް އޭނާ އިލްތިމާސް ކުރެއްވި އެވެ.

ފުވައްމުލައް ސިޓީ މޮނިޓަރިންއަށް ލާފައި ވޭތޯ އެޗްއީއޯސީގެ އޮފިޝަލަކާ ސުވާލު ކުރުމުން ކުރުމުން ވިދާޅުވީ މިހާތަނަށް އެ ސިޓީ މޮނިޓަރިން އަށް ލާފައި ނުވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު އިއްޔެ އެކަނިވެސް 700 އަށްވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވް ވެފަ އެވެ. މި ބަލީގައި 75 މީހުން މިހާތަނަށް ވަނީ މަރުވެފަ އެވެ.

އަތޮޅުތެރޭގައިވެސް ބަލި ފެތުރުން އިތުރު ވެފައި ވާއިރު މިހާރުވެސް 27 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތުގަ އެވެ.