ރާއްޖޭގެ ހާލަތު ގޯހުންގޯހަށް ނުދަނީސް ބައިނަލްއަގުވާމީ އެހީތެރިކަމަށް އެދެން މާލޭ ސިޓީގެ އިންތިހާބީ މޭޔަރު އަދި ކުރީގެ ހައުންސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ސަރުކާރަށް ގޮވާލައްވައިފިއެވެ.
މުއިއްޒު މިގޮތަށް ގޮވާލައްވާފައި މިވަނީ ރާއްޖޭގައި ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް އިތުރު ވެ، ސިއްހީ އެހީތެރިންނަށް ޖެހި، ހޮސްޕިޓަލްތައް ފުރުމާ ގާތަށް ދިއުމާ ގުޅިގެންނެވެ.
މުއިއްޒު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވާ މިންވަރު އިތުރުވަމުންދާއިރު، ވެންޓިލޭޓަރާއި ވެކްސިން މަދުވެފައިވާ މި ދަނޑިވަޅުގައި، ރައްޔިތުންގެ ސަލާމަތަށް ޓަކައި ބޭރުގެ އެހީއަށް އެދި މަސައްކަތް ފަށަން ޖެހޭ ކަމަށެވެ.
"ގޯހުންގޯހަށް ގައުމުގެ ހާލަތު ނުދަނީސް ބައިނަލްއަގުވާމީ އެހީތެރިކަމަށް އެދިވަޑައިގަތުމަށް ސަރުކާރަށް އިލްތިމާސް ކުރަން،" މުއިއްޒު ވިދާޅުވިއެވެ.
ވޭތުވެދިޔަ 10 ވަރަކަށް ދުވަހުގެ ތެރޭގައި މާލެ އާއި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވާ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް މާލެ ސަރަހައްދުން 500 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި މިމަހު މާލެ ސަރަހައްދުން ވަނީ 1800 އަށްވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.
ޕޮޒިޓިވް ކޭސްތައް އިތުރުވުމާ ގުޅިގެން މިރެއިން ރެއިން ފެށިގެން މާލެ ސަރައްދުގައި އަނެއްކާވެސް ވަނީ ކާފިއު ހިންގަން ނިންމައިފައެވެ. އެގޮތުން ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން ވަނީ ނިންމައިފައެވެ.
އޭގެ އިތުރުން އިއްޔެއިން ފެށިގެން ވަނީ އިތުރު އެހެން ފިޔަވަޅުތަކެއް ވެސް އަޅައިފައެވެ. އެގޮތުން ޕާކުތަކާއި މައިޒާންތަކާއި ކުޅިވަރު ކުޅޭ ތަންތަނާއި ދުވާ ޓްރެކުތަކާއި ސްވިމިން ޓްރެކުތައް ވަނީ ބަންދުކޮށްފައެވެ. އަދި ކުޅިވަރު ކުޅުމާއި ކުޅިވަރު މުބާރާތްތައް ބޭއްވުންވެސް ވަނީ މަނާކޮށްފައެވެ.
ސުކޫލުތައް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. ސަރުކާރު އޮފީސްތައްވެސް ދިހަ ދުވަހަށް ބަންދު ކުރުމަށް އެޗްޕީއޭއިން ވަނީ ނިންމައިފައެވެ. އަދި މާލެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތައް ދިހަ ދުވަހަށް ކަރަންޓީން ވާން ޖެހޭ ގޮތަށްވެސް މިހާރު ވަނީ އުސޫލުތައް ބަދަލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު