ރާއްޖޭގައި ހުރި ކޮވިޝީލްޑް ވެކްސިންގެ އަދަދު މަދުވެފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަބްދުލްއަޒީޒު ވިދާޅުވީ ރާއްޖޭގައި ހުރި ވެކްސިންގެ އަދަދު މަދުވެފައިވާ ކަމަށް އެޗްޕީއޭ އާއި ހެލްތު މިނިސްޓްރީން ފާހަގަކޮށްފައިވާ ކަމަށެވެ. ނަމަވެސް މިވަގުތު ހުރީ ކިހާ އަދަދެއްގެ ވެކްސިނެއް ކަމެއް ސާފު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވެކްސިންގެ ސްޓޮކު މަދުކަން އެޗްޕީއޭ އިން ވެސް ހެލްތު މިނިސްޓްރީން ވެސް ފާހަގަކުރައްވާފައިވޭ. މިވަގުތު އަޅުގަނޑު އަތުގައި ސީދާ އެ އަދަދަކީ ކޮބައިކަން ނެތީ،" މަބްރޫކް ވިދާޅުވިއެވެ.
ކޮވިޝީލްޑް ވެކްސިންގެ އަދަދު ދަށްވެފައިވާ ކަމަށް ސަރުކާރުން ބުނެފައިވާ އިރު، މީގެ ކުރިންވެސް ވަނީ ވެކްސިންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމުގެ އަޑުތައް ފެތުރިފައެވެ. ނަމަވެސް އެ ވާހަކަތައް މީގެ ކުރިން އެޗްޕީއޭ އިން ވަނީ ދޮގުކޮށްފައެވެ. މިއީ ވެކްސިންގެ އަދަދު މަދުވެފައިވާ ކަމަށް ސަރުކާރުން ބުނި ފުރަތަމަ ފަހަރެވެ.
ކޮވިޝީލްޑް ވެކްސިން މަދުވެފައިވާކަން ސަރުކާރުން ހާމަކޮށްފައިވާ އިރު، ސިންގަޕޫރުގެ އެސްޓްރާޒެނެކާ އިން އުފައްދާ ކޮވިޑް ވެކްސިން އަންނަ މަހު ރާއްޖެއަށް ލިބެން ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެސްޓްރާޒެނެކާ އިން ވެކްސިން ގަތުމަށް ރާއްޖެ އިން ސޮއިކުރީ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގެ ދަށުން އެސްޓްރާޒެނެކާގެ ވެކްސިންގެ 700،000 ޑޯޒު ގަތުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް މިހާރު ޖަހަމުން އަންނަ އިރު، ވެކްސިން ޖަހަމުން އަންނަނީ ދެ ސެންޓަރަކުންނެވެ. އެއީ ސޯޝަލް ސެންޓަރާއި ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުންނެވެ.
އެ ދެ ސެންޓަރުންވެސް ވެކްސިން ޖަހައިދެނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްގެންނެވެ. އެކަމުގެ ސަބަބުން ވެކްސިން ޖަހަން މެންދުރުފަހު 3:00 އިން ފެށިގެން ދަނީ ކިޔޫ ހަދަމުންނެވެ. އަދި ކިޔު ބޮޑުވެ، ގިނަ ބަޔަކަށް ނަންބަރު ނުލިބުމުގެ ސަބަބުން މިފަހުން ދެ ރޭވެސް ވަނީ އެ ސަރަހައްދުތަކުގައި ހަމަނުޖެހުން ހިންގައިފައެވެ.
އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީވެ، އެގައުމުން ވަނީ ވެކްސިން ފޯރުކޮށްދިނުން ކޮންމެވެސް ވަރަކަށް މަޑުޖައްސާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު