އިންޑިއާއިން ރާއްޖެ އަންނަ ދިވެހިންނާއި މަސައްކަތްތެރިން 14 ދުވަހަށް ކަރަންޓީންވާން ޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، މިރޭ އާންމުކޮށްފައިވާ އުސޫލުތަކުގައިވާ ގޮތުން އިންޑިއާއިން ރާއްޖެއަށް އަންނަ ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުން 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެ ކަމަށެވެ. އަދި ކަރަންޓީން ފުރިހަމަ ކުރުމަށްފަހު ޕީސީއާރު ޓެސްޓުވެސް ހަދަންޖެހޭނެ ކަމަށް އުސޫލުގައިވެއެވެ.
މީގެ ކުރިން އިންޑިއާއިން ރާއްޖެ އަންނަ ދިވެހިންނާއި ވޯކްޕާމިޓް ހޯލްޑަރުން ކަރަންޓީން ވާން ޖެހެނީ ދިހަ ދުވަހުގެ މުއްދަތަކަށެވެ. އަދި ކަރަންޓީނުގެ މުއްދަތު ހަމަވުމުން ޕީސީއާރު ޓެސްޓު ހަދަންޖެހެއެވެ.
އިންޑިއާގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީވެ، ރާއްޖެއިން ވަނީ އިތުރު ފިޔަވަޅުތަކެއް މީގެ ކުރިން އަޅައިފައެވެ. އެގޮތުން އިންޑިއާ އިން ރާއްޖެއަށް އަންނަ ފަތުރުވެރިން ރާއްޖޭގެ ހުރިހާ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް ޗެކްއިން ވުން ވަނީ މަނާކޮށްފައެވެ. އޭގެ ތެރޭގައި ޓްރާންސިޓްގައި 24 ގަޑިއިރަށްވުރެ ގިނައިރު އިންޑިއާގައި ހޭދަކޮށްފައިވާ ފަތުރުވެރިންވެސް ހިމެނެއެވެ. ނަމަވެސް ރިސޯޓުތަކަށް ފަތުރުވެރިންނަށް އާދެވޭނެއެވެ.
އޭގެ އިތުރުން ކޮވިޑް ވެކްސިންގެ ޑޯޒުތައް ފުރިހަމަކޮށްފައިވާ މީހުން ހިމެނޭ ގޮތަށް، އިންޑިއާ އިން ރާއްޖެއަށް ދަތުރުކުރާ މީހުންނާއި އިންޑިއާގައި ދިރިއުޅެފައިވާ މީހުން ރާއްޖެއަށް އެތެރެވެވޭނީ 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއަކާއެކުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު