މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް ރޭ ބޭއްވި އެއްވުން ކަވަރު ކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިންނަށް ކުރިމަތިވި އަނިޔާ އާއި ގޮންޖެހުންތައް ރަނގަޅަށް ތަހުގީގު ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ގޮވާލައިފިއެވެ.
ރޭ ބޭއްވި އެއްވުން ކަވަރު ކުރުމުގައި އުޅުނު ނޫސްވެރިންނަށް ހުރަސްއަޅައި ބައެއް ނޫސްވެރިންނާ ދިމާލަށް ފުލުން ހަޑިހުތުރު ބަހުން މުއާމަލާތް ކުރި މައްސަލަ ބައެއް މީޑިއާތަކުން ވަނީ ނޫސްވެރިންގެ ޖަމިއްޔާ އާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައެވެ.
މިކަމާ ގުޅިގެން އެމްޖޭއޭ އިން ކުރި ޓުވީޓެއްގައި ބުނީ، ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރަސީ އަށް ވަރަށް މުހިންމު ދާއިރާއަކަށްވާ އިރު ފުލުހުން ނޫސްވެރިންނަށް އަނިޔާކޮށް ހަޑި ހުތުރު ބަހުން މުއާމަލާތްކޮށް، ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ނޫސްވެރިންނަށް މިނިވަން ކަމާއެކު މަސައްކަތް ކުރެވޭނެ ގޮތެއް އޮންނަން ޖެހޭނެ ކަމަށާއި އަދި އެ ފުރުސަތު ފުލުހުންވެސް ފަހިކޮށްދޭން ޖެހޭނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.
އެމްޖޭއޭ އިން އިތުރަށް ބުނީ، ނޫސްވެރިންނާ ހަޑިހުތުރު ބަހުން ވާހަކަދައްކައި މަސައްކަތަށް ހުރަސް އެޅުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިފަދަ އެއްވުންތަކާއި މުޒާހަރާތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ހަމަލާދީ ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅުން ތަކުރާރުވެފައިވާ ކަމަށާއި މިގޮތަށް އަމަލު ނުކުރުމަށް ފުލުހުންގެ ކިބައިންވެސް ތަކުރާރުކޮށް އެދިފައިވާނެ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން މުޒާހަރާތަކުގައި ފުލުހުންގެ ހަރަކާތްތައް ނުފެންނާނެ ގޮތް ހެދުމަށް ނޫސްވެރިންނަށް އަމާޒުކޮށްގެން ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް އެމްޖޭއޭ އިން ބުންޏެވެ.
ރޭ ބޭއްވި އެއްވުން ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައި ވަނީ ރަނގަޅަށްތޯ ބަލައި ދިނުމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އަމުރުކުރައްވައިފައެވެ. އަދި މިނިސްޓަރު އިމްރާންވެސް ވަނީ އެއްވުމުގެ ތެރެއިން ހިނގައި ދިޔަ ހާދިސާގައި ޔޫޒް އޮފް ފޯސްގެ މިންގަނޑުތަކާ ހިލާފަށް އެއްވެސް ކަމެއް ހިނގާފައިވޭތޯ ބަލާނެ ކަމަށް ވިދާޅުވެފައެވެ.