އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ހިމެނޭ ހުރިހާ ފަރާތްތަކެއްގެ މައުލޫމާތު ހޯދުމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއި، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ވައްކަމާއި ހިޔާނާތުގައި ހިމެނޭ ފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ބައެއް މެންބަރުންނާއި މިހާރުގެ ބައެއް މެންބަރުންނާއި، މިނިވަން މުއައްސަސާތަކުގެ ކުރީގެ ބައެއް މެންބަރުންނާއި މިހާރުގެ ބައެއް މެންބަރުންގެ އިތުރުން ސަލާމަތީ ހިދުމަތްތަކުގައި މީގެ ކުރީންނާއި މިހާރު މަސައްކަތް ކުރާ ބައެއް ފަރާތްތަކާއި، ޝަރުއީ ދާއިރާގައި ކުރިން މަސައްކަތް ކުރައްވާފައިވާ ބައެއް ފަރާތްތަކުގެ އިތުރުން މިނިސްޓަރު ކަމާއި ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ބައެއް ބޭފުޅުންނާއި މިހާރުވެސް އެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ހިމެނޭ ކަމަށް ދައުލަތުން ހާމަ ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން މިހާރު އެ މައްސަލަ ގޮސްފައިވާ ހިސާބަކާއި، އެކަމުގައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު އެމަނިކުފާނަށް ސިޓީއެއް ފޮނުއްވާފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިދިޔަ މާޗްމަހު ހަަސަން ލަތީފު ފޮނުއްވި އެ ސިޓީއާ ގުޅިގެން އެ ކަމާބެހޭ މައުލުމާތު ސާފު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް ހުށަހެޅުއްވި ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެ މައުލޫމާތު ތަކަކީ މީގެ ކުރީން އެ ކޮމިޓީން ކޮށްފައިވާ މަސައްކަތްތަކަކަށްވެސް ބޭނުންވާ މައުލޫމާތުތަކެއް ކަން ފާހަގަ ކުރައްވައި އެ މައުލޫމާތު ހޯދައިދިނުމަށް އެ ކޮމިޓީންވެސް އެކަމަށް އެދުނު ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ގުޅުން ހުރި ހުރިހާ ފަރާތްތަކެއްގެ މައުލޫމާތު ހޯދުމަށް، ޕްރޮސެކިއުޓާ ޖެނެރަލް އާއި، އެންޓިކޮރަޕްޝަން ކޮމިޝަން ގެ އިތުރުން އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލައަކީ ދިވެހި ރައްޔުންގެ ނަޒަރު ހުއްޓިފައިވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން އެކަމާބެހޭ ކަންތައްތައް ކުރިއަށްދާ ގޮތާ ބެހޭ މައުލޫމާތަކީ ދިވެހި ރައްޔިތުންނަށް އެނގެން ޖެހޭ މައުލޫމާތު ތަކެއް ކަމަށެވެ.

އެ މައްސަލައާ ގުޅޭ މައުލޫމާތު ހޯދުމަށް ހުށަހަޅާފައިވާ މުއައްސަސާތަކުން އެމައުލޫމާތުތައް ލިބުނުހާ އަވަހަކަށް އެ މައުލޫމާތުތައް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފޮނުއްވާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެ މައްސަލަ ގޮސްފައިވާ ހިސާބެއް އޮޅުން ފިލުވުމަށް ރައްޔިތުން ތަކުރާރުކޮށް ސުވާލު ކުރަމުން އަންނަ ކަމަށާއި، އެކަމާބެހޭ މައުލޫމާތުތައް ސާފު ކުރުމަށް ރައްޔިތުން ކެތް މަދުވެފައިވާ ކަމަށެވެ.