މަންމަ ވިހަން ހޮސްޕިޓަލަށް ގެންދިއުމުން، މާލޭގައި ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާތަކެއް ކުރި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިރޭ 9:00 ހާއިރު 24 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.
އެނގިފައިވާ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ އެ ކުއްޖާގެ މަންމަ ވިހެއުމަށް އެޑްމިޓްކޮށް ހޮސްޕިޓަލުގައި އެ ހޭދަވި ދުވަސްތަކުގައެވެ. އެ ދުވަސްތަކުގައި ކުޑަ އަންހެން ކުއްޖާ ހުރީ އޭނާގެ މަންމައާ އެއްބަނޑު އެއްބަފާ އަންހެނެއްގެ ގޭގައި ކަމަށް ވެސް ވަނީ އެނގިފައެވެ.
މީގެ ދުވަސްކޮޅެއް ކުރިން ހިނގި އެ ކަންތައްތަކުގެ ވާހަކަ އެ ކުއްޖާގެ މަންމައަށް ކިޔައިދީފައިވަނީ މި ހަފުތާ ތެރޭގައެވެ. އެއާއެކު އެ މައްސަލަ ވަނީ ފުލުހުންނަށާއި ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފައެވެ. އަދި ޖެންޑާގެ ބެލުމުގެ ދަށުން އެ ކުއްޖާގެ ސިއްހީ ހާލަތު ޑޮކްޓަރުން ވެސް ވަނީ ދެނެގަނެފައެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އަގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ ހުށަހެޅުމާ ގުޅިގެން ކުއްޖާއަށް އެއްވެސް ކަހަަލަ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޑޮކްޓަރަށް ދެއްކި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ކުއްޖާއަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވޭތޯ ބެލުމަށް ސައިކޮލަޖިސްޓަށް ދައްކައި ސައިކޮލޮޖިކަލް ރިޕޯޓާއި މައްސަލައާ ގުޅިގެން ހަދަން ޖެހޭ ރިޕޯޓުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސާވިސްއާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
"މި މައްސަލައަކީ ސީރިއަސް މައްސަލައަކަށްވާތީ ތަހުގީގަށް ބޭނުންވާ ހެއްކާއި ގަރީނާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާކަމުގައި ދަންނަވަމެވެ،" ފުލުހުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުންދާނެކަމުގެ ޔަގީންކަން އެންމެހާ ދިވެހި ރައްޔިތުންނަށް އަރުވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، އެ ކުއްޖާ ހުރީ ރައްކާތެރި މާހައުލެއްގައި ކަމަށެވެ. އަދި ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށްވާތީ އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.
މި ހަފުތާ ތެރޭގައި ވަނީ މާލޭގައި އަންހެނަކު ރޭޕް ވެސް ކޮށްފައެވެ. އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށް ކޯޓުން ވަނީ މުއްދަތުވެސް ޖަހައިފައެވެ.
ޖިންސީ ގޯނާ އާއި ރޭޕް ކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. އެހެން ނަމަވެސް މިފަދަ ކަންކަމަށް އެކަށިގެންވާ ފިޔަވަޅުތަކެއް އެޅެމުން ނުދާ ކަމަށް ބުނެ ރާއްޖޭގެ އެކި ހިސާބުތަކުގައި ވަނީ މުޒާހަރާތައްވެސް ކުރިއަށް ގެންގޮސްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު