ބ. އޭދަފުށިން އިތުރު ފަސް މީހަކު ޕޮޒިޓިވް ވެ، ބަލި ޖެހުނު މީހުންގެ އަދަދު 12 އަށް އަރައިފި އެވެ.

އޭދަފުށިން ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ އެރަށު ފްލޫ ކުލިނިކަށް ދެއްކި މީހެކެވެ. އެމީހާ ޕޮޒިޓިވް ވުމާ ގުޅިގެން އެރަށް ވަނީ މި މަހުގެ 20 ވަނަ ދުވަހު މޮނީޓަރިންގެ ހާލަތަށް ލައިފަ އެވެ. އޭގެ ފަހުން ބަލީގެ އަލާމާތް ހުރެގެން އެ ރަށު ފުލޫ ކްލިނިކަށް ދެއްކި އިތުރު މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ.

މިއާއެކު ފުރަތަމަ ޕޮޒިޓިވް ވި ދެ މީހުންނާ ކޮންޓެކްޓް ވެފައިވާ މީހުން ދެނެގަނެ އެމީހުންގެ ސާމްޕަލް ނަގައި ޓެސްޓު ކުރި އިރު، އިތުރު ބަޔަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. އެގޮތުން ޑޮކްޓަރަކާއެކު ޖުމުލަ ހަތް މީހަކު އިއްޔެ ހެނދުނާ ހަމަޔަށް ޕޮޒިޓިވް ވެފައިވާއިރު ރޭ ނަތީޖާ ލިބުނު މީހުންގެ ތެރެއިން އިތުރު ފަސް މީހަކު ވަނީ ޕޮޒިޓިވް ވެފަ އެވެ. މިއާއެކު އެރަށުން ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 12 އަށް އަރާފަ އެވެ.

އޭދަފުށީ ކައުންސިލް މެންބަރު ޒައިދު އަލީ "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، ދެ ކްލަސްޓާއެއް އެރަށުގައި އުފެދިފައިވީ ނަމަވެސް ރަށަށް ބަލި ފެތުރުނު ގޮތެއް އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ. މިހާތަނަށް 12 މީހަކު ޕޮޒިޓިވް ވެފައިވާއިރު ރެންޑަމްކޮށް ނެގި 411 ސާމްޕަލްގެ ތެރެއިން 358 ސާމްޕަލެއްގެ ނަތީޖާ އަދި ލިބިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ޕޮޒިޓިވް ވި މީހާ އެއީ އަލާމާތްތައް ހުރެގެން ފުލޫ ކްލިނިކަށް ދެއްކި މީހެއް. އަޅުގަނޑުމެން ފުރަތަމަ ހީކުރީ ކަމަދޫ އިން ކަމަށް ބަލި ފެތުރުނީ. އެއީ ކަމަދޫގަވެސް ބަލި އުޅޭތީ. އެކަމަކު ކަމަދޫން މިރަށަށް (އޭދަފުއްޓަށް) އައި އެއްވެސް މީހަކު ޕޮޒިޓިވް ވެފައެއް ނުވޭ. ދެވަނަ މީހާއަށް ބަލި ޖެހުނީ ފެލިވަރުން ކަމަށް ވާހަކަ ދެކެވުނު ނަމަވެސް އެމީހާ ފެލިވަރަށް ގޮސްފައިވަނީ މީގެ މަސްދުވަސް ކުރިން. ދެން ކަރަންޓީނަށް އައި މީހެއްގެ ފަރާތުންނެކޭވެސް ނުބުނެވޭނެ. ސަބަބަކީ އަޅުގަނޑުމެން ކައުންސިލުންނާއި އޭދަފުށީ ފުލުހުންނާއި ގުޅިގެން ކަރަންޓީނުގައި ހުންނަ ގެތައް ވަރަށް ރަނގަޅަށް މޮނިޓާ ކުރަމުންދަނީ. އެހެންވީމަ ރަށަށް ބަލި ފެތުރުނު ގޮތެއް އަދި ނޭނގެ." އޭނާ ވިދާޅުވި އެވެ.

ޒައިދު ވިދާޅުވީ އޭދަފުއްޓަށް ބަލި ފެތުރުނު ކަމަށް ބޮޑަށް ބެލެވެނީ މާލެ ދަތުރުކުރާ ފެރީ ނުވަތަ ބޯޓަކުން ކަމަށެވެ. އެހެން ނަމަވެސް އިތުރަށް މިކަން ޔަގީން ކުރުމަށް ފެރީތަކާއި ބޯޓުތަކުގެ ފަޅުވެރިންނާއި ކެޕްޓަނުންގެ ސާމްޕަލް ވެސް ނަގާފައިވާ ކަމަށާއި ނަމަވެސް އަދި ނަތީޖާ ލިބިފައި ނުވާ ކަމަށެވެ.

އޭދަފުށީގައި ހަލުވި ކަމާއެކު ކޮވިޑް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފަ އެވެ. އެގޮތުން ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުތުމާއި ބޭރަށް ނިކުންނަ ނަމަ އެ ގެއަކުން އެކަކު ނިކުތުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި މުއްދަތެއް ނެތް ގޮތަށް ހޮޓާ ރެސްޓޯރަންޓް ބަންދުކޮށް ހަމައެކަނި ޑެލިވަރީ ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ގެއަށް ބޭނުންވާ ސާމާނު ގަތުމަށް ފިހާރަތަކަށް ދިޔުމުގެ ބަދަލުގައި ޑެލިވަރީގެ ހިދުމަތަށް އެދުމާއި އެއްފަހަރާ ގިނަ މީހުން އެއްވެ ނޫޅުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

އާބާދީގައި ތިން ހާހަށް ވުރެ ގިނަ މީހުން ދިރިއުޅޭ އޭދަފުށީ އާންމުންގެ ތެރެއިން ބަޔަކު ޕޮޒިޓިވް ވެފައިވާއިރު ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ހަތަރު މީހަކުވެސް ވަނީ އިއްޔެ ޕޮޒިޓިވް ވެފަ އެވެ.