ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަކަށް، ބަދަލު ކުރުމަށް ކުރަންޖެހޭ މަޝްވަރާތައް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް، 2023 ވަނަ އަހަރު ރިޔާސީ އިންތިހާބު ނުބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިވަޑައިގެންފިއެވެ.

އެކަމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ، ވެރިކަމުގެ ނިިޒާމު ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.

ރާއްޖޭގެ ކުރީގެ ރައީސުން ކަމުގައިވާ މައުމޫން އަބުދުލް ގައްޔޫމާއި، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުވެސް ވިދާޅުވެފައި ވަނީ އެގޮތަށެވެ.

އެންމެ ފަހުން ވެރިކަމުގެ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައީސް ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން "އަދަދު" ނޫހަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ، އެކަމުގައި އެމްޑީޕީގެ ލީޑަޝިޕުން ރައީސުލްޖުމްހޫރިއްޔާ އެކު އިށީނދެ އެކަމާ ގުޅޭ ގޮތުން ކުރިއަށް ދާނެ ގޮތަކާ މެދު މަޝްވަރާ ކުރެއްވުމުގެ ސިގްނަލެއް ރައީސުލްޖުމްހޫރިއްޔާއާ ހިސާބުން ލިބިފައިވާ ކަމަށެވެ.

އެހެންކަމުން ވަރަށް އަވަހަށް އިށީނދެ އެކަމާބެެހޭ މަޝްވަރާތައް ރައީސުލްޖުމްހޫރިއްޔާއާ އެކު ފަށައިގެން ކުރިއަށް ގެންދާނެ ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ނަޝީދާއި ޕާޓީގެ ވިސްނުމަކީ މަޝްވަރާކޮށްގެން ގޮތެއް ނެރުން ކަމަށެވެ. ރައްޔިތުންގެ ގާތުން ނާހައި އަޣުލަބިއްޔަތާ އެކު އެންމެ ކުރުމަގަކުން އެކަން ކުރުމެއް ނޫނެވެ. އަދި ގާނޫނުއަސާސީ ބަދަލުކުރައްވާކަށް ވެސް ނޫން ކަމަށެވެ.

އަލީ އާޒިމް ވިދާޅުވީ، ބަރުލަމާނީއަށް ވުރެ ރާއްޖެއަށް ރަނގަޅީ ރިޔާސީ ނިޒާމުކަމަށް ފާޅުގައި ވިދާޅުވާ އެމްޑީޕީގެ މަޖިލިސް މެންބަރުން ތިއްބެވި ނަމަވެސް، އެކަމުގައި ޕާޓީގެ ނިންމުމާ އެއްގޮތަށް ހުރިހާ މެންބަރުން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ބޮޑުވަޒީރަކު ވެރިކަން ކުރައްވާ ބަރުލަމާނީ ނިޒާމް ރާއްޖެއަށް ބޭނުންވަނީ އެ ނިޒާމަކީ އެމްޑީޕީގެ ފިކުރަކަށް ވުމުން ކަމަށްވެސް އަލީ އާޒިމް ވިދާޅުވިއެވެ.