މެންބަރު އަހުމަދު ސިޔާމު މުހައްމަދު

ބަރުލަމާނީ އަކީ އެންމެ ވައްކަން ބޮޑު އެންމެ ހުދުމުހުތާރު ނިޒާމް، ފުރުސަތެއް ނުދޭނަން: ސިޔާމް

ބަރުލަމާނީ އަކީ އެންމެ ވައްކަން ބޮޑު އަދި އެންމެ ހުދުމުހުތާރު ވެރިކަމުގެ ނިޒާމު ކަމަށާއި އެ ފަދަ ނިޒާމަކުން ދިވެހި ރައްޔިތުންގެ މައްޗަށް ވެރިކަން ކުރާން ފުރުސަތު ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

"ވަން" އޮންލައިން އަށް ދެއްވި އިންޓަވިއުއެއްގައި ސިޔާމް މިއަދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ކުރިޔަށް ދާން ޖެހޭނީ ރައްޔިތުންގެ ފުރިހަމަ އަގުލަބިއްޔަތަކުން އެ ރައްޔިތުން ނިންމާފައިވާ ގޮތަށް ކަމަށާއި އެއީ ރިޔާސީ ނިޒާމް ކަމަށެވެ.

ބައިނަލް އަގުވާމީ ދުނިޔެއިން މިސާލު ދައްކަވަމުން ސިޔާމް ވިދާޅުވީ، ދުނިޔޭގެ ގައުމުތަކަށް ބަލާއިރު ވެސް ކޮރަޕްޝަނާއި ފަސާދަ އެންމެ ބޮޑީ ބަރުލަމާނީ ނިޒާމަށް ހިންގާ ގައުމު ތަކުގައި ކަމަށެވެ. އެފަދަ ގައުމުތަކުގައި ރައްޔިތުންނާ މެދު ކަންކަން ހިންގަނީ ވަރަށް ވެސް ހުދުމުހުތާރު ކޮށް ކަމަށް ސިޔާމް ވިދާޅުވި އެވެ. އޭގެ ބަދަލުގައި ރައްޔިތުންނާ މެދު އެންމެ ރަނގަޅު ވެރިކަން ހިންގަނީ ރިޔާސީ ނިޒާމުގައި ކަމަށް ވިދާޅުވި އެވެ.

"މިސާލަކަށް ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީ އެމެރިކާއަށް ބައްލަވާ!، އެގައުމުގައި ވެސް އެ އެއޮތީ ރިޔާސީ ނިޒާމެއް، ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ވެރިކަން. ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ވެރިކަން. އެންމެ ޑިމޮކްރެޓިކް ކޮށް ޗެކް އެންޑް ބެލެންސެއް އޮވެގެން ކުރެވޭ ވެރިކަމަކީ ވެސް ރިޔާސީ ނިޒާމުގެ ވެރިކަން." ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ބަރުލަމާނީ ނިޒާމުގެ ވެރިކަމަކީ އެންމެ ކޮރަޕްޝަން ބޮޑު ވެރިކަމުގެ ނިޒާމުކަން ވޯލްޑް ބޭންކުގެ ރިޕޯޓުތަކުން ވެސް ވަރަށް ސާފުކޮށް ފެންނަން އެބަހުރި ކަމަށާއި އެ ފަދަ ނިޒާމެއް ރާއްޖޭގެ ރައްޔިތުންގެ މައްޗަށް ގެންނާން އުޅޭ ބަޔަކީ ވެސް މި ގައުމުން ވައްކަން ކޮށް ގައުމު ފަސާދަ ކުރާން އުޅޭ ބައެއް ކަމަށެވެ.

ސިޔާމް ވިދާޅުވީ ރާއްޖޭގައި އޮންނާން ފެންނަނީ ކޮން ކަހަލަ ވެރިކަމެއްތޯ އެހުމުން ރައްޔިތުން އޮތީ އެ މީހުންގެ ބަސް ވަރަށް ސާފުކޮށް އިއްވާފައި ކަމަށެވެ. އެހެން ކަމުން މި ނިޒާމު ގަޑުބަޑުކުރަން މަސައްކަތް ކުރާ ބަޔަކަށް އެއްވެސް ފުރުސަތެއް ލިބުނަ ނުދެއްވާނެ ކަމަށާއި ބަރުލަމާނީއާ ދެކޮޅަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ މި ނިޒާމުގައި ވެރިކަން ކުރެއްވުމަށް އެންމެ އެކަށީގެންވާ ގާބިލު ބޭފުޅެއް ކަމަށްވެސް ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ކޮވިޑުގެ މި ހާލަތުގައި މިފަދަ ވާހަކައެއް ބަޔަކު ދައްކައި ނިޒާމާ ބެހޭ ވާހަކަތައް ފަށައިގެން މި އުޅެނީ އެއްވެސް ގޮތަކަށް ރާއްޖެއަށް ހެ އެދިގެން ނޫން ކަމަށާއި އެމީހުންގެ މަގުސަދަކީ މި ގައުމު ހަލާކު ކޮށްލުން ކަމަށެވެ. މި ވަގުތު ގައުމަށް ހަލަބޮލިކަން އައުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އޭގެ ސަބަބުން ރައްޔިތުން ބަނޑަށް ޖެހި ގައުމުގެ އިގްތިސޯދު ފުނޑިގެން ހިނގައިދާނެ ފަދަ ހާލަތަކަށް މި ގައުމު ވެއްޓިދާނެ ކަންވެސް ސިޔާމް ފާހަގަ ކުރެއްވި އެވެ.