ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި މޯލްޑިވްސް ޑިވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ގެ ކުންފުންޏެއް ކަމަށްވާ އިމްޕެކްސް ފިޝަރީޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ސަރުކާރުން ދޫކުރި، ނ. މިނާވަރުގެ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށް ބުނެ، މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސިޓީއަށް އަމަލު ކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ މައްްޗަށް ކުރި އަމުރު ބާތިލުކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މިނާވަރަކީ 2010 ވަނަ އަހަރު ދިވެހި ސަރުކާރުގެ ފަރާތުން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީއާއި އިމްޕެކްސް ފިޝަރީޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދަނޑުވެރިކަމުގެ މަސައްކަތްތައް ކުރުމަށް އިމްޕެކްސް ފިޝަރީޒް މޯލްޑިވްސްއަށް ކުއްޔަށް ދޫކޮށްފައިވާ ރަށެކެވެ.

މިދިޔަ އަހަރުގެ އޮގަސްޓް 12 ގައި މިނާވަރު މޮނިޓާ ކުރުމަށް މިނިސްޓްރީން ކުރި ދަތުރުގައި ދެ ފަރާތުގެ ދެމެދު ވެވުނު އެއްބަސްވުމުގައި ވާގޮތަށް އެރަށުގައި ސިޔާމްގެ ކުންފުނިން މަސައްކަތް ކުރިއަށް ނުގެންދާކަން އެ ދަތުރުގައި ހެދި، ދަތުރު ރިޕޯޓުން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން އެއްބަސްވުމުގައިވާގޮތަށް މަސައްކަތް ކުރިއަށްގެންދަން މިދިޔަ މާޗް މަހުގެ 19 އިން ފެށިގެން ރަސްމީ ބަންދު ދުވަސްތައް ހިމެނޭހެން 30 ދުވަހުގެ މުއްދަތެއް އިމްޕެކްސްއަށް ދިނެވެ. އަދި މި މުއްދަތުގެ ތެރޭގައި އެއްބަސްވުމުގައިވާ ގޮތަށް މަސައްކަތް ކުރިއަށް ނުގެންގޮސްފި ނަމަ އެއްބަސްވުން ބާތިލުކުރުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ބަޔާންކޮށް އިމްޕެކްސްއަށް ނޯޓިހެއް ފޮނުވިއެވެ.

މި ނޯޓިހާ ގުޅިގެން އިމްޕެކްސް އިން ހަމަ އެ ދުވަހު މިނިސްޓްރީއަށް ސިޓީއެއް ފޮނުވިއެވެ.

މޮނިޓަރިން ދަތުރުގެ ރިޕޯޓް މިނިސްޓްރީން އިމްޕެކްސްއާ ހިއްސާކޮށްފައި ނުވާ ކަމަށް މި ސިޓީގައި ފާހަގަކުރިއެވެ. އަދި އޭރު ހިނގަމުންދަނީ ރަމަލާން މަހުގެ ދުވަސްތައް ކަމަށްވާތީ އާއި މިނިސްޓްރީން ފާހަގަކުރާ ކަންކަމަކީ ކޮންސަލްޓަންޓުންނާ މަޝްވަރާކޮށްގެން ކުރިއަށް ގެންދެވޭނޭ ކަންކަމަށް ވުމުން، މިނިސްޓްރީއިން ފޮނުވި ނޯޓިހުގެ މުއްދަތު ރަސްމީ ބަންދު ދުވަސްތައް ނުހިމެނޭހެން ހަމަޖައްސައިދިނުމަށް އެދުނެވެ.

އެކަމާ ގުޅިގެން މިނިސްޓްރީއިން ދީފައިވާ ނޯޓިހުގައި ބަޔާންކުރާ ގޮތަށް، މިނާވަރުގެ ވޯކް ޕްލޭނާ އެއްގޮތަށް މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިނުވާ ކަމަށް ބުނެ މިދިޔަ މެއި މަހުގެ ފަހެއްގައި އެއްބަސްވުން ބާތިލުވެއްޖެ ކަަމަށް މިނިސްޓްރީން އިމްޕެކްސްއަށް އެންގިއެވެ.

އެއާއެކު އެ ރަށުގައި ހުރި އިމްޕެކްސްގެ އުފުލޭ މުދާ 14 ދުވަހުގެ ތެރޭގައި ރަށުން ގެންގޮސް އެކަން މިނިސްޓްރީއަށް އެންގުމަށާއި އެ މުއްދަތުގެ ތެރޭގައި އެ މުދާ ނުގެންގޮސް ރަށަށް ދޫކޮށްލާ ތަކެއްޗަކީ ދައުލަތުގެ މުދާކަމުގައި ބެލެވޭނެ ކަމަށް ބަޔާންކޮށް، އެގޮތަށް ދޫކޮށްލާ މުދަލުގެ ބަދަލު ލިބި ނުދެވޭނެކަން ވެސް އެންގިއެވެ. އަދި އެ ރަށުގެ ފަސްގަނޑުގައި އިންދާފައިވާ އެއްވެސް ރުކެއް ނުވަތަ ގަހެއް ކެނޑުމާއި ނެގުންފަދަ އެއްވެސް ކަމެއް ނުކުރުމަށް މިނިސްޓްރީން އެންގިއެވެ.

މި މައްސަލައާ ގުޅިގެން އެކަންކަން އަންގައި އިމްޕެކްސްއަށް ފޮނުވި ސިޓީއަށް އަމަލުކުރުން ފަސްކޮށްދިނުމަށާއި މިކަމާ ގުޅިގެން އިމްޕެކްސްއިން މިނިސްޓްރީގެ މައްޗަށް ހުށަހެޅުމަށް ގަސްދުކުރާ ދައުވާގައި ވަކިގޮތެއް ކަނޑައަޅަންދެން "ނ. މިނާވަރު" ކިޔާ ފަޅު ރަށް ކުއްޔަށް ދިނުމަށްޓަކައި 2010 ވަނަ އަހަރު ވެފައިވާ އެއްބަސްވުމަށް އަމަލުކުރަމުން ގެންދިއުމަށާއި މި މައްސަލައިގައި އިމްޕެކްސް އިން މިނިސްޓްރީގެ މައްޗަށް ހުށަހެޅުމަށް ގަސްދުކުރާ ދައުވާގައި ވަކި ގޮތެއް ކަނޑައަޅަންދެން "ނ. މިނާވަރު"ގެ މައްޗަށް އެހެން ތިންވަނަ ފަރާތެއްގެ ހައްގެއް ނުވަތަ މަސްލަހަތެއް އުފަންވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އަންގައި މިނިސްޓްރީގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށް އެދި މިދިޔަ މެއި މަހުގެ ހަތްވަނަ ދުވަހު އިމްޕެކްސްއިން ސިވިލް ކޯޓަށް ހުށަހެޅިއެވެ.

މިކަމާ ގުޅިގެން "ނ. މިނާވަރު" ކުއްޔަށް ދިނުމަށްޓަކައި ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށް ބުނެ އެގްރިކަލްޗާ މިނިސްޓްރީން ފޮނުވި ސިޓީއަށް އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން އެ މިނިސްޓްރީއަށް ވަނީ އަންގައިފައެވެ.

އަދި މިކަމާ ގުޅިގެން އިމްޕެކްސް އިން އެގްރިކަލްޗާ މިނިސްޓްރީގެ މައްޗަށް ހުށަހަޅުމަށް ގަސްދުކުރާ ދައުވާގައި ވަކި ގޮތެއް ކަނޑައަޅަންދެން "ނ. މިނާވަރު" ކުއްޔަށް ދިނުމަށްޓަކައި ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުމަށް އަމަލު ކުރަމުން ގެންދިއުމަށާއި އެރަށުގެ މައްޗަށް އެހެން ތިންވަނަ ފަރާތެއްގެ ހައްގެއް ނުވަތަ މަސްލަހަތެއް އުފަންވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ފިޝަރީޒް މިނިސްޓްރީއަށް ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން އިމްޕެކްސް އިން އެގްރިކަލްޗާ މިނިސްޓްރީގެ މައްޗަށް ހުށަހަޅުމަށް ގަސްދުކުރާ ދައުވާ 14 ދުވަހުގެ ތެރޭގައި ހުށަހެޅުމަށާއި އެ މުއްދަތުގައި ދައުވާ ހުށަނާޅައިފި ނަމަ، މި އަމުރު ބާތިލުވާނެ ކަމަށް އިމްޕެކްސް އަންގައި، އެ މުއްދަތުގެ ތެރޭގައި ސިވިލް ކޯޓަށް ދައުވާ ހުށަހަޅައިފިނަމަ، ހުކުމެއް ކުރަންދެން ނުވަތަ ޝަރީއަތުން މިވަގުތީ އަމުރު މުރާޖައާކޮށް ވަކި ގޮތެއް ކަނޑައަޅަންދެން މިއަމުރު ދެމި އޮންނާނެ ކަމަށް ވެސް ކޯޓުން ވަނީ އަންގައިފައެވެ.

ސިވިލް ކޯޓުގެ މި އަމުރަކީ ގާނޫނީ ހަމަތަކާ ހިލާފު އަމުރެއް ކަމަށް ބުނެ ދައުލަތުން މިއަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ހައިކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ އޯގަސްޓް މަހުގެ 21 ވަނަ ދުވަހު ހުކުމް ކުރީ ސިވިލް ކޯޓުގެ އަމުރު ބާތިލުކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.

ނަަމަވެސް ހައިކޯޓުގެ މި ނިންމުމާމެދުވެސް ހިންހަމަނުޖެހިގެން އެ ހުކުމް ބާތިލުކޮށްދިނުމަށް އެދި ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.

ދައުލަތުން ސުޕްރީމް ކޯޓުގައި ބުނީ މި މައްސަލައިގައި ހައިކޯޓުން ނިންމި ނިންމުމަކީ ކޯޓުތަކުގެ ގާނޫނާއި ސުޕްރިމް ކޯޓުން ނިންމާފައިވާ ގާނޫނީ އުސޫލާ ހިލާފަށް ނިންމި ނިންމުމެއް ކަމަށެވެ. އަދި މައުލޫއީ ދައުވާއެއްް ހުށަހެޅުމުގެ ކުރިން ވަގުތީ އަމުރެއް ނެރެދިނުމަށް އަމަލުކުރަންޖެހޭ އުސޫލުތަކާ ހިލާފު ކަމަށްވެސް ބުނެފައިވެއެވެ.

އިސްތިއުނާފީ ހަތަރު ނުކުތާއެއް ހުށަހެޅުމަށްފަހު، ދައުލަތުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ހައިކޯޓުގެ ނިންމުން ބާތިލުކޮށްދިނުމަށެވެ.