ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް، 2023 ވަނަ އަހަރު ރިޔާސީ އިންތިހާބު ނުބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިވަޑައިގެންފިއެވެ.
ރައީސް ނަޝީދު، ރައީސް ސޯލިހަށް އެގޮތަށް މެސެޖު ކުރައްވާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. ރައީސް ނަޝީދު، ރައީސް ސޯލިހަށް ފޮނުއްވި އެ މެސެޖުގެ ކޮޕީއެއް "ވަން"އަށް ވަނީ ލިބިފައެވެ.
ރައީސް ނަޝީދު ރައީސް ސޯލިހަށް މިއަދު ކުރެއްވި މެސެޖުގައި ވަނީ 2023ގެ ފެބުރުއަރީ މަހުގެ ތެރޭގައި ވެރިކަމުގެ ނިޒާމު ބަދަލުކޮށް މަޖިލީހުން ސަރުކާރު އެކުލަވާލުމަށް އެދޭ ކަމަށެވެ. އަދި ރިޔާސީ އިންތިހާބު 2023 ވަނަ އަހަރު ނުބާއްވައި، ފަސް ކުރުމަށްވެސް ނަޝީދު ވަނީ ރައީސްގެ އަރިހުން އެދިވަޑައިގެންފައެވެ.
2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމުގެ ކުރިން، ގާނޫނުގައިވާ ގޮތުގެ މަތީން ރައީސުލްޖުމްހޫރިއްޔާއަކީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ފަރާތަކަށްވުން ކަމަށްވެސް ނަޝީދުގެ މެސެޖުގައިވެއެވެ.
"2023 ގެ ފެބްރުއަރީގައި ބަރުލަމާނީއަށް ބަދަލުކޮށް، މިހާރު މަޖިލީހުން ސަރުކާރު އެކުލަވާލައި، އަދި 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުން، 2024 ގައި މަޖިލިސް އިންތިހާބަށް ދާއިރު، ރައީސުލްޖުމްހޫރިއްޔާއަކީ ގާނޫނުގައިވާ ގޮތަށް މަޖިލިސް އިން ކަނޑައަޅާ މީހަކަށްވުން،" ރައީސް ސޯލިހަށް، ނަޝީދު ކުރެއްވި މެސެޖުގައިވެއެވެ.
އޭގެ އިތުރުން އެއް ފަރާތުގައި ހުންނަވަން ބޭނުންފުޅު ނުވާ ކަމަށާއި ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށާއި އެކަމާ ގުޅޭގޮތުން ރައީސްއާ މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމަށްވެސް ނަޝީދުގެ މެސެޖުގައިވެއެވެ.
ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ވެސް ރައީސް ނަޝީދު ވަނީ އެ މެސެޖު ފޮނުއްވައިފައެވެ.
ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވާ ކަމަށް މީގެ ކުރިން، ރައީސް ސޯލިހަށް، ރައީސް ނަޝީދު ދަންނަވާފައިވާ ކަމެއް އެނގިފައެއް ނުވެއެވެ.
ނަމަވެސް މީގެ ކުރިންވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ޖެހޭ ކަމަށް ރައީސް ނަޝީދު ވަނީ ވަރަށް ގިނަ ފަހަރު ގޮވާލައްވައިފައެވެ. އަދި ރައީސް ނަޝީދު ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވާކަމަށް މީގެ ކުރިންވެސް ވަނީ އަޑުތައް ފެތުރިފައެވެ.
ބަރުލަމާނީ ނިޒާމާ ގުޅޭގޮތުން ރައީސް ސޯލިހު މީގެ ކުރިން ވިދާޅުވެފައި ވަނީ ނިޒާމު ބަދަލު ކުރަން ވިސްނަވާކަށް ވަގުތެއް ނެތް ކަމަށާއި ހުރިހާ ވަގުތެއް ހުސްކުރައްވަން ބޭނުންފުޅު ވަނީ ފަސް އަހަރުގެ ދައުރަކަށް ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް ފުއްދެވުމަށް ކަމަށެވެ. އަދި ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމަކާ މެދު ރައްޔިތުން އޮތީ ގޮތެއް ނިންމާފައި ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު