ބ. މާޅޮހުން އިއްޔެ ކޮވިޑް-19 އަށް ޕޮޒިޓިވް ވި ދެ ފަތުރުވެރިންނާ ކޮންޓެކްޓްވި މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މާޅޮހުގެ ގެސްޓު ހައުސްއަކަށް ދިޔަ ދެ ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހެދުމަށް އެ ރަށް މޮނިޓަރިންނަށް ގެނެސްފައިވާ ކަމަށެވެ.
މާޅޮހު ހެލްތު ސެންޓަރުގެ މެނޭޖަރު އިބްރާހިމް ނައީމް "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ޕޮޒިޓިވް ވި ފަތުރުވެރިންގެ ކޮންޓެކްޓް ޓްރޭސިން މަސައްކަތުގެ ތެރެއިން އެރަށު ޑައިވިން ސެންޓަރެއްގައި މަސައްކަތްކުރާ އެރަށު މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެން ކަމުން އޭނާއާ ކޮންޓެކްޓް ވެފައި ތިބި މީހުން ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.
ނައީމް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުމުން އެ ރަށުން ރެންޑަމް ސާމްޕަލް ނަގަން ފަށާނެ ކަމަށެވެ. އަދި މުޅި ރަށަށް ބަލި ފެތުރުނަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެގޮތުން މި ބައްޔާ ބެހޭ ގޮތުން ރައްޔިތުންނަށް މައުލޫމާތު ދިނުމާއި ބަލިން ރައްކާތެރިވުމަށް އަޅާން ޖެހޭ ފިޔަވަޅުތައް އެޅުމަށް ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށްވެސް ނައީމް ވިދާޅުވި އެވެ.
އާބާދީގައި 700 އަށްވުރެ ގިނަ މީހުން ދިރިއުޅޭ މާޅޮހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހު މާޅޮހަށް ދިޔަ ދެ ފަތުރުވެރިންނެވެ. ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ ޗުއްޓީ ނިންމާލުމަށްފަހު އެނބުރި ގައުމަށް ދިއުމުގެ ކުރިން ހެދި ޕީސީއާރު ޓެސްޓުންނެވެ. އެމީހުންގެ ކޮވިޑް ޓެސްޓުގެ ނަތީޖާ ލިބިފައިވަނީ އިއްޔެ ހެނދުނެވެ.