ޚަބަރު

ދެވަނަ ޑޯޒަށްފަހު ކަރަންޓީނަކާ ނުލައި ދަތުރުކުރެވޭނެ ގޮތް ހަދަނީ

އަލީ އަފާފް ރަމީޒު

ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާތާ ދެ ހަފްތާ ފަހުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ގޮތަށް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މީގެ އަހަރު ދުވަސް ކުރިން މާލެ ސިޓީން ޕޮޒިޓިވް ކޭސްއެއް ފެނުމާ ގުޅިގެން، މާލެ ސިޓީ ލޮކްޑައުނަކަށް ދާން ޖެހުނު ކަމަށެވެ.

"އާންމު ހާލަތަކަށް ދާނެ ދުވަހަކަށް އިންތިޒާރުގައި ތިބި އިރު، ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާތާ ދެ ހަފުތާ ފަހުން އެއް ރަށުން އަނެއް ރަށަށް އެއްވެސް ހުރަހެއް ނެތި ދަތުރުކުރެވޭނެ ގޮތަށް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ވާހަކަ ވަރަށް އުފަލާއެކު ހިއްސާ ކުރަން،" ރައީސްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ރައީސް މިގޮތަށް ވިދާޅުވެފައިވާ އިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ވެކްސިންގެ ދެ ޑޯޒަށް ފަހު ދަތުރުކުރުމުގައި ދޭނެ ލުއިތައް މިއަދު އިއުލާނުކުރެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށް ބުނެފިއެވެ. ނަމަވެސް އެޗްޕީއޭ އިން މިހާތަނަށް އެ ލުއިތައް އިއުލާން ކޮށްފައެއް ނުވެއެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށްފަހު ކަރަންޓީނަކާ ނުލައި ރަށްރަށަށް ދަތުރުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމުވެސް ވަނީ މިދިޔަ މަހު ވިދާޅުވެފައެވެ.

އޭގެ އިތުރުން ވެކްސިން ޕާސްޕޯޓެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައިވެއެވެ. ނަމަވެސް އެކަމާ ގުޅޭ ފަހުގެ އަޕްޑޭޓެއް މިނިސްޓަރު ހާމަ ކުރައްވައިފައެއް ނުވެއެވެ.