ޕީޕީއެމް ޓިކެޓުގައި ވާދަކޮށް ވިލިމާލޭ ދާއިރާގެ ކައުންސިލް މެންބަރު ކަމަށް ހޮވިފައިވާ ނަހުލާ އަލީ، މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައި ވަނިކޮށް، ހުޅުމާލެ ދާއިރާއިން ކާމިޔާބު ހޯއްދެވި ޕީޕީއެމްގެ ކެންޑިޑޭޓް އިބްރާހިމް ޝުޖާއު، ޑެޕިއުޓީ މޭޔަރަކަށް ގެނައުމަށް އިދިކޮޅު ދެ ޕާޓީގެ ބައެއް ސަޕޯޓަރުން ކެންޕެއިން ކުރަން ފަށައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމުން ވަނީ މާލެ ސިޓީގެ 14 ގޮނޑިއެއް ކާމިޔާބު ކޮށްފަ އެވެ. އެގޮތުން މާލެ ސިޓީގެ އިންތިހާބީ މޭޔަރަކަށް ހޮވިފައިވަނީ ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރި، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އެވެ. އަދި ހުޅުމާލޭ ދާއިރާ އާއި ވިލިމާލޭ ދާއިރާގެ އިތުރުން މާފަންނު މެދު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާވެސް ޕީޕީއެމުން ވަނީ ކާމިޔާބު ކޮށްފަ އެވެ.
ޑެޕިއުޓީ މޭޔަރަކަށް ވުމަށް ނަހުލާ އިއްޔެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާއިރު ރެއިން ފެށިގެން ޕީޕީއެމް/ ޕީއެންސީގެ ބައެއް ސަޕޯޓަރުން ވަނީ ޝުޖާއު ޑެޕިއުޓީ މޭޔަރަކަށް ގެނައުމަށް ކެމްޕެއިން ފަށާފަ އެވެ. އެގޮތުން ބައެއް ފަރާތްތަކުން ބުނެފައިވަނީ ހާލުގައި ޖެހުނު ދުވަހު އެ ދެ ޕާޓީ ކޮނޑަށް ލައިގެން ވަރުބަލި ކަމެއްނެތި މަސައްކަތް ކުރީ، ޕީއެންސީގެ ނައިބު ލީޑަރުކަންވެސް ކުރައްވަމުން ގެންދަވާ ޝުޖާއު ކަމަށާއި އެހެން ކަމުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ކަމަށް ޝުޖާއު ގެނައުމަކީ އެންމެ އެދެވޭ ކަމެއް ކަމަށެވެ.
އެހެން މީހަކު ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ޝުޖާއު އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެންމެ ހާލުގައި ޖެހުނު ދުވަހުވެސް އެމަނިކުފާނުގެ ދިފާއުގައި އެއްވެސް ބިރެއް ނެތި ކުރީ ސަފުގައި ހުންނެވި އެއް ބޭފުޅާ ކަމަށާއި ހޮވިފައި ތިއްބެވި ބޭފުޅުންގެ ތެރެއިން ޑެޕިއުޓީ މޭޔަރަކަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ޝުޖާއު ކަމަށެވެ.
މީގެ އިތުރުން ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ހަމްދާން ޝަކީލް ވިދާޅުވީ ޝުޖާއު އަކީ ޑެޕިއުޓީ މޭޔަރު ކަމަށް ގާބިލު މެނޭޖަރެއް ކަމަށާއި، އަދި ހިންގުންތެރި، ބުނާ ބަހުގައި ހިފަހައްޓާ މީހެއް ކަމަށެވެ. އެހެން ކަމުން ޑެޕިއުޓީ މޭޔަރު ކަމަަށް ޝުޖާއު ހޮވަން އޭނާ ތާއީދު ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އަދިވެސް އިއުލާންކޮށް ނުނިމޭއިރު މާލެ ސިޓީން، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ އަށް ވަނީ ބޮޑު ނާކާމިޔާބީ އަކާ ކުރިމަތިލާން ޖެހިފަ އެވެ.
މާލޭ ސިޓީގެ ހަ ވޯޓު ފޮއްޓެއް އަލުން ގުނައި ދިނުމަށް އެމްޑިޕީން އިލެކްޝަންސްގައި އެދިފައިވާއިރު، އެކޮމިޝަނުން ބުނީ އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް