ގާނޫނާ ހިލާފަށް ރާއްޖޭގެ ސަރަހައްދަށް ވަދެ އޮތް ދެ ބޯޓު ކަމަށްވާ އެމް.ޓީ ކޭ.ޖީ 1 (ތެޔޮ އުފުލާ ބާޖު) އަދި އޭ.އެލް 1 (ޓަގުބޯޓު) ކަހާލައިގެން މާލޭގެ އިރުމަތީ ފަރަށާއި ސިނަމާލެ ބުރިޖަށް އުރުނު ހާދިސާގައި، ދައުލަތުގެ އިދާރާތަކުގެ އިހުމާލު އޮތްތޯ މިނިވަންކަމާއެކު ތަހުގީގުކޮށް ގެއްލުމުގެ ބަދަލު ހޯދުމަށް މާލެ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.
މި ދެ ބޯޓު އެފްރިކާއިން ފުރައިގެން ރާއްޖޭގެ ސަރަހައްދަށް ވަގަށް ވަދެފައިވަނީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ. ނަމަވެސް އެ ދެ ބޯޓު ވަގަށް ވަދެފައިވާކަން ކަމާބެހޭ އިދާރާތަކަށް އެނގުނީ މާލެއާ ކައިރީގައި ބަނދަރުކޮށްގެން އޮންނަތާ ހަފުތާއެއް ފަހުންނެވެ.
މި ދެ ބޯޓުގެ މައްސަލަ ހައްލުކުރުން ދިގުލައިގެން ގޮސްފައިވަނިކޮށް، މި މަހުގެ ދިހަވަނަ ދުވަހުގެ ރޭ އެ ދެ ބޯޓުގެ ނަގިލި ކަހާލައިގެން އޮޔާގޮސް މާލޭ ފަރަށާއި ސިނަމާލެ ބުރިޖަށް ވަނީ އަރައިފައެވެ.
މި ހާދިސާއާ ގުޅިގެން ކައުންސިލުން ރޭ ނެރުނު ބަޔާނުގައި ވަނީ، މިކަމުގައި ކަމާބެހޭ އިދާރާތަކުގެ އިހުމާލު އޮތް ކަމަށް ތުހުމަތުކޮށް އެކަން މިނިވަންކަމާއެކު ބެލުމަށް އިލްތިމާސްކޮށްފައެވެ. މި އުޅަނދުތައް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި މާލޭ ބަނދަރުގައި އޮތްއިރު އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އަޅާފައި ނުވާކަންވެސް ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
މި ހާދިސާ ހިނގައިދިޔަ ގޮތުގެ ސައްހަ މައުލޫމާތު ދައުލަތުގެ އިދާރާތަކުން ރައްޔިތުންނަށް ހާމަކޮށްފައި ނުވާތީއާއި މިއީ މުއައްސަސާތަކުން ގާނޫނީ ޒިންމާ އަދާނުކުރުމުގެ ސަބަބުން ހިނގާފައިވާ ކަމެއް ކަމަށް ތުހުމަތުކޮށް ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން މާލެ ސިޓީގެ އިހުތިސާސްގައިވާ ތިމާވެއްޓާއި ފަރުތަކާއި އުމްރާނީ ވަސީލަތްތައް ރައްކާތެރިކުރުމަކީ ކައުންސިލްގެ ޒިންމާއެއްކަން ފާހަގަކޮށް، މައިގަނޑު ތިން ކަމަކަށް ކައުންސިލުން ވަނީ އެ ބަޔާނުގައި ގޮވާލައިފައެވެ.
އެ ކަންކަން
- މި އުޅަނދުތައް ރާއްޖެއަށް އެތެރެވި ގޮތާއި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮއްވައި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލައި، އިހުމާލުވި ފަރާތްތައް ކަށަވަރު ކުރުމަށް މިނިވަން ޕަބްލިކް އިންކުއަރީއެއް ހިންގައި އޭގެ ރިޕޯޓު އާންމުކުރުން
- އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ މެދުވެރިކޮށް ފަރަށް ލިބުނު ގެއްލުން ވަޒަންކޮށް މާލީ ބަދަލު ހޯދުން
- ބުރިޖުގެ މައި ތަނބުތަކަށާއި ޕްލެޓްފޯމަށް ލިބުނު ގެއްލުންތައް އިންޖީނިއަރިން އޮޑިޓަކުން ކަށަވަރުކޮށް ބްރިޖުގެ ރައްކާތެރިކަން އާންމުންނަށް ޔަގީންކޮށްދިނުން
އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި އެ ދެ ބޯޓު މިހާރު ވަނީ ރާއްޖޭގެ ސަރަހައްދުގެ 30 މޭލު ބޭރަށް އަޑިއަށް ގޮސްފައެވެ.
އަލީ ޔާމިން
ކަނޑުމަތީގެ ހާދިސާތައް
މަގުމަތީގެ އެކްސިޑެންޓް
ބޮލީވުޑް
އަންހެނުން
ކޮމެންޓް